މާލެ ސިޓީގެ ގޭ ބިސީތަކުން ކުނި ނެގުމަށް ވެމްކޯގެ މުވައްޒަފުން ދާނީ ކޮންމެ ދުވަހެއްގެ މެންދުރު 12.00ން ފެށިގެން މެންދުރު ފަސް 14.00 އާ ދެމެދުގެ ވަގުތު ކަމުގައި ވެމްކޯއިން ބުނެފިއެވެ.

ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުޙައްމަދު ވިދާޅުވީ މިއަދު ވެމްކޯގެ ޚިދުމަތްތައް އަލުން ފަށާނެ ކަމުގައެވެ.

Ad
rt

ވިޔަފާރިކުރާ ތަންތަނާއި ގޭބީސީތަކުގެ ކުނި ނެގުމުގެ މަސައްކަތް މިއަދު އެ ކުންފުނިން ކުރާނެ ކަމަށްވެސް އެމްޑީ އާދަމް ވިދާޅުވިއެވެ.

އެމްޑީ އާދަމް ވިދާޅުވީ ވެމްކޯއިން ޚިދުމަތް ދެމުންދާނީ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް އެޗްޕީއޭއާއި، ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަޝްވަރާއާއި އެކުގައި ކަމަށެވެ.

ވެމްކޯއިން އެދިފައި ވަނީ ކުނި އަޅާފައި ހުންނަ ކޮތަޅު، އިތުރު ކޮތަޅަކަށް ލެއްވުމަށް ފަހު ރަނގަޅަށް ބަންދު ކުރަށްވައި ގޭބިސީތަކުގެ ގްރައުންޑް ފްލޯގައި ބަހައްޓައި ދިނުމަށެވެ. އަދި ބިއްލޫރި އާއި ކުނިވާ ޒާތު އެއްޗެހި ވަކި ކޮތަޅުގައި ރަނގަޅަށް ބަންދު ކޮށްފައި ބެހެއްޓުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

މިވަގުތު މޮނީޓަރިން ޙާލަތުގައި ހުރި ގެތަކުން ކުނި ބޭރަށް ނުނެރުމަށް އެކުންފުނިން އެދެއެވެ. އެ ކުންފުނިން ބުނީ އެކުންފުނީގެ ޚާއްޞަ ޓާސްކު ފޯހުން އެގެތަކަށް ގޮސް ވަދެ ކުނި ނަގައިދޭނެ ކަމުގައެވެ.

ކުނި ނެގުމުގެ މަސައްކަތްކުރުމަށް ނުކުންނަ ވެމްކޯގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާ ސާމާނު ފޯރުކޮށްދީފައި ވާކަމަށްވެސް އެކުންފުނިން މިއަދު ވަނީ ބުނެފައެވެ. އަދި އެ މުވައްޒަފުންނަށް އާންމުން އެއްބާރުލުން ދިނުމަށް ވެމްކޯއިން އެދެއެވެ.

މާލެ ހުޅުމާލެ އަދި ވިލިމާލޭގައި 10،000 އަށް ވުރެ ގިނަ ވިޔަފާރިތައް ރަޖިސްޓްރީ ކޮށްފައިވާއިރު ކުނީގެ ހިދުމަތަށް ރެޖިސްޓްރީ ކޮށްފައިވަނީ 1200 ފަރާތުން ކަމަށްވެސް ވެމްކޯއިން މިއަދު ބުންޏެވެ. އެހެން ކަމުން މިފަދަ ހާލަތެއްގައި ވީހާވެސް ގިނަ ފަރާތްތަކުން މި ހިދުމަތް ލިބިގަތުމަށް ރެޖިސްޓްރީ ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައި އެވެ.