ބޭރުގެ ޖާސޫސީ އޮޕަރޭޝަނެއްގެ އަމާޒަކަށް އޭނާ ވެފައިވާ ކަމަށް ބުނެ ހިންގަމުންދާ މިނިވަން ތަހުގީގަކާ ގުޅިގެން، ޓެކްނޮލޮޖީ ކުންފުނި އެންވީޑިއާގެ ރައީސް، ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި ބޯޑު މެންބަރު ކަމުގެ މަގާމުން ޖެންސަން ހުއާންގް ވަގުތުން އިސްތިއުފާ ދެއްވައިފި ކަމަށް އެ ކުންފުނިން ބުރާސްފަތި ދުވަހު އިއުލާނުކޮށްފިއެވެ.
ހުއާންގް އިސްތިއުފާ ދެއްވުމާ ގުޅިގެން އެންވީޑިއާގެ އިންޓަރިމް (ވަގުތީ) ސީއީއޯގެ މަގާމަށް ހަމަޖައްސާފައިވަނީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ކޮލެޓް ކްރެސް އެވެ. ކުންފުނީގެ ދާއިމީ ސީއީއޯއެއްގެ މަގާމަށް ކުންފުނީގެ އެތެރެއިންނާއި ބޭރުން ކެންޑިޑޭޓުން ހޯދުމުގެ މަސައްކަތް ބޯޑުން ކުރަމުންދާއިރު، ކްރެސް މިހާރު އަދާކުރައްވަމުން ގެންދަވާ މަސްއޫލިއްޔަތުތަކުގައި ވެސް ދެމިހުންނަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޗިޕް އުފައްދާ އެންވީޑިއާ އިން ވަނީ ސައިނޮޕްސިސްގެ ކުރީގެ ސީއީއޯ ހާވީ ސީ. ޖޯންސް އެ ކުންފުނީގެ ފުރަތަމަ ބޯޑު ޗެއާގެ މަގާމަށް ވެސް އައްޔަންކޮށްފައެވެ. ކްރެސް އަދި ލީޑަޝިޕް ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެ ޖޯންސް ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ އޮޕަރޭޝަންތަކާއި، ކަސްޓަމަރުންނަށް ވެފައިވާ ވައުދުތަކުގެ އިތުރުން ޕްރޮޑަކްޓް ރޯޑްމެޕް އެއްވެސް ބުރޫއެރުމެއް ނެތި ކުރިއަށްދާނެއެވެ.
އެންވީޑިއާއާ 2013 ވަނަ އަހަރު ގުޅިވަޑައިގެންނެވި ކްރެސް ވިދާޅުވީ، ވޭތުވެދިޔަ 33 އަހަރު ދުވަހުގެ ތެރޭގައި ހުއާންގް ބިނާކުރެއްވި ބިންގަލުގެ މައްޗަށް ކަންކަން ކުރިއަށް ގެންދެވުމަށް އޭނާ އަޒުމު ކަނޑައަޅުއްވާ ކަމަށެވެ. އެންވީޑިއާ އިން ވަނީ ހުއާންގް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.
ހުއާންގް މަގާމުން ވަކިވެވަޑައިގެންފައި މިވަނީ މިނިވަން ތަހުގީގެއް ހިންގާކަން މި މަހުގެ 8 ވަނަ ދުވަހު ބޯޑުން އިއުލާނުކޮށްފައި ވަނިކޮށެވެ. އެ ދުވަސްވަރު ޑިރެކްޓަރުން ވަނީ ހުއާންގަށް އޮތް އިތުބާރު ފާޅުކުރައްވައި، އެމެރިކާގެ ގައުމީ ސަލާމަތަށް ނުވަތަ ކުންފުނީގެ ސިއްރުތަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ބެލުމުގެ ޖާގައެއް ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ހަމަ އެ ދުވަހު މުވައްޒަފުންނަށް ފޮނުއްވި މެސެޖެއްގައި ހުއާންގް ވަނީ އޭނާގެ އަނބިކަނބަލުންނަށް ބޭވަފާތެރިވެވިފައިވާ ކަމަށް އިއުތިރާފުވެވަޑައިގެން، މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގެ ތަހުގީގު ހިންގުމަށްޓަކައި، އެންވީޑިއާގެ މިނިވަން ޑިރެކްޓަރުން ވަނީ އެމެރިކާގެ ކުރީގެ އެކްޓިން އެޓާނީ ޖޫން އެޗް. ކިމް އަދި ގާނޫނީ ވަކީލުންގެ ފާމެއް ކަމަށްވާ ވަޗްޓެލް، ލިޕްޓަން، ރޯސެން އެންޑް ކެޓްޒް ހަމަޖައްސައިފައެވެ. އެ ފަރާތްތަކާ ތަހުގީގު ހަވާލުކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!