ހދ. ވައިކަރަދޫގެ ޒުވާނުންތަކެއް އިސްނަގައިގެން އުފައްދާފައިވާ "ވައިރޮދި" ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން އެ ރަށުގައި މިހާރު ކުރިޔަށްދާ ފްލައިބޯޑިންގ އިވެންޓަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބަކާއި ތަޢުރީފެއް ލިބެން ފަށައިފިއެވެ.

"ހެނދުނުގެ ހިތްގައިމު ވަގުތު ވައިކަރަދޫގެ ބަނދަރުމައްޗަށް ނިކުތުމާއެކު، ނަފްސަށް ވެރިވެގެންދިޔައީ ބަޔާންކުރަންދަތި ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް! ރަށުގެ ކުދިބޮޑު ގިނަބަޔަކު އެއްވެފައި ތިބީ، އުމުރުގައި ވެސް ކުރިން ދެކެފައިނުވާ ފަދަ އާދަޔާޚިލާފު މަންޒަރެއް ދެކިލުމަށް! ރަށުގެ ކުދިންތައް "އުދުހިލާ" ތަން ބަލާލަން!" ވައިކަރަދޫގެ ޒުވާނަކު ބުނެފައިވެއެވެ.

Ad
rt

މި އިވެންޓާ ގުޅިގެން އެ ރަށު ޒުވާނަކު ސޯޝަލް މީޑީއާއަށް ދޫކޮށްލި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ ކާމިޔާބު އެއް އެތުލީޓު އަދި ދުނިޔޭގެ "ހައިޑްރޯ ފްލައި ފެސްޓް"ގެ 4 ވަނަ ހޯދައިގެން ވައިކަރަދޫއަށް ރީތި ނަން ހޯދައިދިން އެ ރަށުގެ ފަޚުރު، އިބްރާހީމް ނާއިފާއި ރަށުގެ ހުނަރުވެރި އެތައް ޒުވާނުންނެއް ދައްކަމުންދާ މޮޅު ހަރަކާތްތަކުން އިވެންޓް ބަލަން ބަނދަރު ސަރަޙައްދަށް ޖަމާވެފައި ތިބި ރައްޔިތުން ތިބީ އާޝޯޚުވެ، ބަސްހުއްޓިފައިކަމަށެވެ.

މި އިވެންޓުގެ ސަބަބުން ކުޑަކުދިންނަށް ފްލައިބޯޑިންގެ ހުނަރު ދަސްކޮށްދީ، ތަޖުރިބާކޮށްލުމުގެ ރަން ފުރުޞަތެއް ހިލޭ ފަހިވެގެންދިޔައިރު، އެންމެ ތުއްތު ކުދިން ވެސް ތަޖުރިބާކާރުންނާއެކު ޖައްވުގެ ތެރޭގައި "އުދުހިލި" މަންޒަރަކީ މުޅި މާހައުލު އުފަލުން ފޮޅުވާލި މަންޒަރެއް ކަމަށް ވެސް އޭނާ ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގައި ވެސް މިފަދަ ގޮތަކަށް ފުރަތަމަ ފަހަރަށް ބާއްވާ މި ޙަރަކާތަކީ، ވޯޓާސްޕޯޓްސްގެ ގިނަ ހުނަރުވެރިން އެ ރަށެއްގައި ތިބި ރަށެއްގެ ޝަރަފު އޮތް ވައިކަރަދޫގެ ނަން އަނެއްކާވެސް އުޑުއުހަށް އުފުލައިދިން ފަޚުރުވެރި ޙަރަކާތެއްކަމަށް އެ ޕޯސްޓުގައި ފާހަގަ ކޮށްފައިވެއެވެ.

"މިފަދަ އަގުހުރި، އުފާވެރި ހަނދާންތަކަކާއި ތަޖުރިބާތަކެއް ރަށުގެ ރައްޔިތުންނަށް ހަދިޔާކުރި ކަމަށް ޓަކައި ވައިރޮދި ޖަމިއްޔާއަށާއި، އިވެންޓުގައި ހިއްސާވާ އެންމެހާ ފަރާތްތަކަށް އިންތިހާއަށް ޝުކުރުވެރިވަމެވެ. އެ ޖަމިއްޔާއަށާއި އަޅުގަނޑުމެންގެ ޒުވާން ހުނަރުވެރިންނަށް އަބަދުވެސް ކާމިޔާބީއާއި ފާގަތިކަން މިންވަރުކުރައްވާށި. އާމީން." އޭނާ ބުނެފައިވެއެވެ.