ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ. ގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެޑްމިނިސްޓްރޭޓަރ މިސްޓަރ އެލެގްޒެންޑަރ ޑި ކްރޫއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެފަރާތުގެ ވެސް މަސްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުންނެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެއިތުރުން، ކުރިމަގުގައި އެކުގައި މަސައްކަތްކުރެވިދާނެ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލެއްވިއެވެ. ދެފަރާތުގެ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް، ގުޅިގެން ކުރިއަށްދިއުމުގެ ބޭނުންތެރިކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއެންޑީޕީން ދިވެހިރާއްޖެއަށް ޒަމާނުއްސުރެ ދެއްވަމުން ގެންދަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދެފަރާތުން ޙިއްޞާވާ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށާއި، ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ހޯއްދަވައިދެއްވުމަށްޓަކައި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވަނީ މިކަމުގެ ފުރިހަމަ ޔަޤީންކަން ޔޫއެންޑީޕީގެ އިސްވެރިޔާއަށް ދެއްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ދެފަރާތް ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތްކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!