އެވަގުތު ޝައުޤުވެރިކަމާއެކު އަޑުއަހަން އިން މާޔާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
" އޯލްރެޑީ ތި ހުރީ އަހަރެން އާއިޒަށް ދީގެން ދޯ؟" މާޔާ ބުންޏެވެ.
" ނޫން. އެކަމަކު ހިތްބިރުގަނޭ." ނަޖާހު ބުންޏެވެ.
އެ ވަގުތު ވެއިޓަރަކު އައިސް މޭޒުމަތީ ތަށިތައް އަތުރާލައިފިއެވެ.
" ފަހުން މެދުވެރިވާނެ ގޮތެއް ނޭނގެ. އެ ދުވަހަކުން އަހަރެން ކުށްވެރި ނުކުރައްޗޭ." މާޔާ ބުނެލިއެވެ.
އެއާއެކު ލުއި ގޮތަކަށް ހީލަމުން ނަޖާހު ބޯ ޖަހާލީ މާޔާއަށް ޔަޤީންކަން ދެމުންނެވެ.
" އެހެންވީމަ... އަސްލު މާޔާއަށް ވަރަށް ޤަބޫލު ކުރެވޭދޯ އާއިޒް އަންނާނެކަން." ނަޖާހު ސުވާލު ކުރިއެވެ.
" ޔަޤީން ކުރެވެނީ. އިންތިޒާރު ކުރެވެނީ. ހިތަށް އަރަނީ އާއިޒަށް އަހަރެން ނޫން އެހެން މީހަކުދެކެ ލޯބި ނުވެވޭނެޔޭ. އޭނަ އަހަރެން ހޯދަން އަދި އަންނާނެޔޭ. އެހެންވެ އަހަންނަށް އުއްމީދު ކުރެވެނީ. އެކަމަކު މިއަދާ ހަމައަށް ވެސް އާއިޒްގެ އެއްވެސް ހަބަރެއް ނުވެ. އެހެންވެ، އަހަރެންގެ ލައިފް މިހެން ބަރުބާރު ނުކުރާށޭ ބުނެ އަބަދުވެސް ޒިމްނާ އަހަންނަށް ނަޞޭޙަތްދޭ." މާޔާ ބުންޏެވެ.
މާޔާގެ ވާހަކަތައް އަޑުއަހަން އިން ނަޖާހުގެ ހިތަށް އުނދަގޫވާން ފެށިއެވެ. ނަމަވެސް ހިތްވަރާއެކު އޭނާ ކެތްތެރިވީ، އެ ކަމުގައި އަވަސް އަރުވާލަން ބޭނުން ނުވާތީއެވެ.
" އޯކޭ ވާނެ ފަހުން. އަބަދުވެސް އިސްކުރަންވާނީ ތިމާގެ އަމިއްލަ ނަފްސު. މީގެ ފަހުން އަހަރެމެން ދެ މީހުން އެކަކަު އަނެކަކު ދެރަވާ ކަހަލަ ވާހަކައެއް ނުދައްކާނެ އިނގޭ. އެނގެއެއްނު ގަހެއް މިލާ މޯޅިވާއިރު އެ ގަހާއެކު މާަތަކާއި މޭވާތައް ވެސް ވަނދުވެގެން މަރުވާކަން. އެހެންވީމަ އަހަރެމެންގެ މި ގަސް އަބަދުވެސް ފެހިކަންމަތީ ބަހައްޓަން އެންމެ ފުރަތަމަ ޙައްޤުވާނީ އަހަރެމެން ދެ މީހުންގެ އަމިއްލަ ނަފްސުގެ އުފާވެރިކަމެއްނު." ނަޖާހުގެ ވާހަކަތަކަށް މާޔާ ވަރަށް ޝައުޤުވެރިވެއްޖެއެވެ.
ދަތްދޮޅީގައި އަތް ވިދިލަމުން މާޔާ ފަރުވާތެރިކަމާއެކު ނަޖާހުގެ މޫނަށް ބަލަން ފެށީ އަލަށް ފެނިގެން ކަހަލަ ގޮތަކަށެވެ.
" މާޔާއަށް އެނގޭތަ؟ ތިމާގެ އުފަލަކީ އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލަން ހެޔޮވާވަރުގެ އެއްޗެއް ނޫން. މީހަކު ކައިރީގައި ހުއްޓަސް ނެތަސް އަމިއްލަ ނަފްސަށް ލޯބި ކުރަން ޖެހޭނެ." ނަޖާހު ކިޔައިދޭން ފެށިއެވެ.
ފަނޑު ހިނިތުންވުމެއްގައި މާޔާ އިނީ އަޑުއަހާށެވެ.
"މަންމަ ކައިރިއަށް ދާއިރު އެންމެ ފުރަތަމަ އަމިއްލައަށް ހިތްވަރުގަދަ ވާން ވާނެ. މަންމަ ކުރިމަތީގައި މާޔާ ރޮއި، ބަލިކަށިވެއްޖެއްޔާ މަންމަ އިތުރަށް މާޔޫސްވާނެ. މަންމަ ވެސް މިއަދު ބޭނުންވާނީ ހިނިތުންވުމާއެކު މާޔާ ދޭ ހިތްވަރު. މާދަމާ އުޖާލާވާނީ ހިތްވަރުކޮށްގެންކަން، މާޔާ ވާނެ މަންމައަށް ކިޔައިދޭން." ނަޖާހު ބުންޏެވެ.
މާޔާ އަނެއްކާ ވެސް ހީލިއެވެ.
" އަހަންނަށް މާ ގިނަ ވާހަކަ ދޯ މި ދެއްކެނީ. ދެން އަވަހަށް ކާން ފަށާ." ކުޑަކޮށް ހީލަމުން ނަޖާހު ބުންޏެވެ.
އެއާއެކު މާޔާއަށް ކާއެއްޗެއްސަށް ނަޒަރު ހިންގާލެވުނެވެ.
މާޔާ ކައި ނިމުމާއެކު ނަޖާހު އަވަސް އަވަހަށް ގޮސް ބިލް ދެއްކިއެވެ.
" އަނެއްކާ މާޔާ ބަހައްޓާފައި ބޯޓު ނައްޓާލަފާނެ. އަވަހަށް ހިނގާ." ނަޖާހު ބުނެލިއެވެ.
ޓިޝޫއިން އަތް ފޮހެލަމުން މާޔާ ތެދުވީ ހިނިތުންވުމާއެކުއެވެ. ދެ މީހުން އެއްވަރެއްގައި ތިބެ، ހިނގަމުން ގޮސް އެތެރެއަށް ވަދެ ހިނގުން މަޑުކޮށްލިއެވެ. އޭރު ގޭޓުން މީހުން އެތެރެއަށް ވަންނަތަން ފެނެއެވެ.
ނޭވާ ހިފަހައްޓާލައިގެން ހުރެ ނަޖާހު މާޔާގެ މޫނަށް ބަލައިލިއިރު މާޔާ ވެސް ހުރީ ނަޖާހުއަށް ބަލަހައްޓައިގެންނެވެ.
" ދަނީ." ހިމައަޑަކުން މާޔާ ބުންޏެވެ.
އެއާއެކު ފަޓްލޫން ދެ ޖީބަށް އަތް ޖަހާލަމުން، އެތެރެއަށް ހިފަހައްޓާލައިގެން ހުރި ފުން ނޭވާ ބޭރުކޮށްލިއެވެ.
" ގުޅައްޗެ ދެވުނީމަ. ނުނިދާ ހުންނާނަން." ނަޖާހު ބުނެލީ ހިނިތުންވެލަމުންނެވެ. މާޔާ ވެސް ހީލަމުން ބޯ ޖަހާލިއެވެ. އަދި އަވަސް އަވަހަށް ގޭޓާ ދިމާލަށް އެނބުރި އޭނާ ހިނގައިގަތެވެ. އެއަށްފަހު ގޭޓު ކައިރީ ހުރި މުވައްޒަފަކަށް މާޔާ، އޭނާގެ އައިޑީކާޑާއި ޓިކެޓް ދައްކާލީ އަވަސް އަވަހަށެވެ.. އަދި އެންމެ ފަހު ފަހަރަށް ފަސްއެނބުރި ބަލައިލި އިރު ވެސް ހުރި ފިޔަވަޅުމަތީ އޭނާއާ ދިމާލަށް ބަލަހައްޓައިގެން ނަޖާހު ހުރިތަން ފެނުމުން މާޔާއަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. އަތުގެ އިޝާރާތުން ނަޖާހު "ބައިބައި" ކިޔާލުމުން މާޔާ ވެސް މަޑުމަޑުން އަތް އުފުލާލިއެވެ.
ގޭޓުން އެތެރެއަށް ވަދެގެން ދިޔަ މާޔާގެ ހިތުގައި އާދަޔާޚިލާފް ޖަޒްބާތުތަކެއް އުފެދެން ފެށިކަން އޭނާއަށް ޔަޤީން ކުރެވުނެވެ. ނަމަވެސް ހިތާމެދު ފަރުވާ ބަހައްޓަން އޭނާ ބޭނުން ނުވާ ކަހަލައެވެ. މަޑުމަޑުން ގޮސް ގޮނޑިއެއްގައި އިށީނދެ އަތުގައި އޮތް ފޯނަށް ނަޒަރު ހިންގާލިއެވެ.
" އާއިޒް! އަހަރެން ބަލާ އާދެބަލަ! ޕްލީޒް އާއިޒް. އަހަރެންގެ އަމިއްލަ ނަފްސަށް ބާރު ނުފޯރުވިދާނެ. އޭގެ ކުރިން އަހަރެން ގެންދޭ. ހެޔޮނުވާނެ އާއިޒް." މާޔާ ހިތާހިތާ ބުނަމުން ދިޔައީ އާއިޒްގެ ފޮޓޯއަކަށް ބަލަހައްޓައިގެން އިނދެއެވެ.
އާއިޒްގެ ރީތި އިސްތަށިގަނޑާއި އެ މަސްތުވީ ދެ ލޯ ފެންނަ ކޮންމެ ފަހަރަކު މާޔާގެ ހުރިހާ ހިއްސެއް ކިޔަމަންތެރިވާ ކަހަލައެވެ. އޭނާގެ ހިތުގެ އަޑިން އާއިޒަށް ގޮވަމުންދާއިރު، އެ އަޑު އާއިޒްގެ ހިތަށް ވާޞިލް ވާނެ ނަމައޭ އެތައް ފަހަރަކު މާޔާ ހިތަށް އަރައެވެ.
ކުޅުދުއްފުއްޓަށް މާޔާއަށް ދެވުނު އިރު މާޒިން ހުރީ އޭނާ ބަލާ އައިހެވެ. އޭރު ގަޑިން ދަންވަރު އެކެއް ޖަހަނީއެވެ. މާޒިން ފެނުމާއެކު މާޔާ ބާރުބާރަށް މާޒިންއާ ދިމާލަށް އައެވެ.
" ބައްޕަ ނާދޭތަ؟" މާޔާ އެހިއެވެ.
މާޔާގެ ފޮށީގައި ހިފަމުން މާޒިން ބޯ ޖަހާލިއެވެ.
" މާޔާ އަންނަ ވާހަކަ ބައްޕަ ކައިރީ ބުނާކަށް މަންމަ އެއްބަހެއް ނުވި. އެހެންވެ ނުބުނެ މި އައީ. ލޯންޗަށް ހިނގާ ދާން އަވަހަށް. މަންމަ އެބަހުރި ހޭލާ." މާޒިން ބުނެލިއެވެ.
" ބައްޕަ ކޮބާތަ ދެން؟" މާޔާ އަނެއްކާ ވެސް އެހިއެވެ.
" ބައްޕަ ނެތް ގެއަކު. " މާޒިން ދިނީ ކުރު ޖަވާބެކެވެ.
" ތިބުނީ؟ " މާޔާ އެހިއެވެ.
" ބައްޕަ ގޮއްސި އެއްކޮށް ގެއިން. " މާޒިން އެހިއެވެ.
" ދެން ކޮންތާކު އުޅެނީ؟" މާޔާ އަވަސް އަަހަށް އެހިއެވެ.
" ބައްޕަ އިނދެފިއޭ ސާދުނައްތައާ. " ކާރަށް އެރުމަށްފަހު މާޒިން ބުންޏެވެ.
" ވަޓް؟ " މާޔާއަށް ތެޅިގަނެވުނެވެ.
" ބައްޕަ އުޅެނީ އެ ގޭގަ." މާޒިން ބުންޏެވެ.
" ހާދަ އަވަހަކަށް އިނީ؟" ހައިރާންވެފައި މާޔާ އެހިއެވެ.
" ބައްޕަމެން މާ މޮޅޭ ކަންތައްތައް ހިންގާލަން. ފޯމު ލައިގެން ހަމަ އެ އިނީ. " މާޒިން ބުނެލިއެވެ.
" މަންމައަށް އެނގޭތަ؟" މާޔާ ހިމޭންކަމާއެކު އެހިއެވެ.
މާޒިން ބޯ ޖަހާލިއެވެ. އެ ހިސާބުން މާޔާ މުޅިން ހިމޭންވެއްޖެއެވެ. އިތުރަށް ދައްކާނެ ވާހަކައެއް އޭނާއަކަށް ނޭނގުނެވެ. ލޮލަށް ކަރުނަ ޖަމާވާން ފެށުމާއެކު ކަންފަތުގައި ގުގުމަންފެށީ ނަޖާހު ދިން ނަޞޭޙަތެވެ. ހިތްވަރު ކުރުމަށް އޭނާ އެތައް ފަހަރަކު ބުނި ބުނުމެވެ. މަންމައަށް ހިތްވަރު ކުރެވޭނީ މާޔާގެ އުފާވެރި މޫނު ފެނިގެންކަމެވެ.
އެއާއެކު އަވަސް އަވަހަށް މާޔާ ސިއްރުސިއްރުން ލޮލުން ފެން ފުހެލިއެވެ.
މަންމަ ފެންނަން ދެން ވެސް ނަޖާހު ދެއްކި ވާހަކަތައް އޭނާ ހަނދާނުގައި ބެހެއްޓިއެވެ. އެ ނަޞޭޙަތާއެކު އޭނާ މަންމައާ ކުރިމަތި ލީ ވެސް އުފާވެރިކަމާއެކުއެވެ. ނަމަވެސް މާޔާ ފެނުމާއެކު ސުވޭދާއަށް ވަރަށް އަވަހަށް ރޮވިއްޖެއެވެ. މާޔާ ހުރީ އޭނާއަށް ހިތްވަރު ނުކުރެވިދާނެތީ ނުހަނު ކަންބޮޑުވެފައެވެ.
" މަންމާ! މިއޮއް ހުރިހާ ދުވަހު މަންމަ ކުރި ހިތްވަރު އަހަރެމެންނަށް ފެނުނޭ. މިއަދު އަހަރެން ފެނުނީމަ ތިހެން ރޮންޏާ އަހަރެން ދާނީ." މާޔާ ބުންޏެވެ.
އެއާއެކު ސުވޭދާ ގަދަކަމުން ހީލިއެވެ.
" އަހަރެން ވެސް ހީކުރީ މަންމަ އުފާވާނެކަމަށް. އެކަމަކު މާޔާ އައީމަ މަންމަ ރޯންޖެހޭތަ ދެން؟" ފިރާޝާ އައިސް ސުވޭދާގެ ބުރަކަށީގައި ފިރުމާލިއެވެ.
އެ ވަގުތު ސުވޭދާގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ.
" އަސްލުވެސް ކީއްކުރަންތަ އަހަރެން މި ރޮނީ؟ މަންމަދެކެ އެހާ ލޯބިވާ ތިން ދަރިން ތިއްބާ އިތުރަށް މަންމަ އެއްވެސް މީހަކު ބޭނުންވާނެތަ ދޯ؟" ސުވޭދާ ބުނެލިއެވެ.
" އާނ! ތެދެކޭ ހަމަ ތި ބުނީ. އަހަރެން މިރޭ ނިދާނީ ވެސް މަންމަ ކައިރީ. ވަރަށް ބުރަކޮށް އުޅެލާފައި މި އައީ. ހަމަ ރެސްޓެއް ކޮށްލަން." މާޔާ ސުވޭދާގެ ގައިގައި ބައްދާލަމުން ބުންޏެވެ.
" އެއްޗެއް ކައިފިންތަ؟" ސުވޭދާ އެހިއެވެ.
ނަޖާހު މަތިން މާޔާ ހަނދާންވީ ދެނެވެ. އޭނާ އަވަސް އަވަހަށް ދަބަހުން ފޯނު ނެގި އިރު ނަޖާހުގެ ދެ ތިން މެސެޖް އައިސް އޮތެވެ. އޭނާ އަވަސް އަވަހަށް މެސެޖްތައް ކިޔާލިއެވެ.
އެންމެ ފަހު މެސެޖު ލިބުނީ ޚުދު އޭނާގެ އަތުގައި އޮއްވައެވެ.
" ދެވުނީމަ ހަބަރެއް ވައްޗޭ. އޭރުން ނަޖާ ވެސް ނިދާނަން." އެ މެސެޖު ކިޔާލުމަށްފަހު މާޔާ އަވަސް އަވަހަށް މެސެޖް ލިޔަން ފެށިއެވެ.
" މި އައީ ގެއަށް. ދެން ނިދާލާ އަވަހަށް. ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ތެންކްސް." މާޔާ ފޮނުވާލިއެވެ.
" ކާކު ގުޅީ؟" މާޔާ ސިހުނީ މަންމަގެ އަޑަށެވެ.
" އެއީ... އެއީ ފްރެންޑެއް. އޭނައާއެކު ކައިގެން އައީ. ދެން ބޭނުމީ އަވަހަށް ނިދާލަން." މާޔާ ބުންޏެވެ.
އެއާއެކު ސުވޭދާ މާޔާގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
" ދެން ހުރިހާ ކަމެއް ވެސް އިރާދަކުރެއްވިއްޔާ އޯކޭ ވެދާނެ.. މަންމަ ވަރަށް އުފާވެފައި އެ ހުރީ ކޮއްކޮ އައީމަ." ކޮޓަރިއަށް ވަނުމަށްފަހު މާޒިން ބުންޏެވެ.
" ހޫމް. އަހަރެން ވެސް ވަރަށް އުފާޥި. ގޭތެރެއަށް ދިރުމެއް އައި ކަހަލަ މިރޭ ވެސް. މާޔާ އުޅެންޏާ ދެން ވަރަށް މަޖާ ވާނެ." ފިރާޝާ ބުނެލިއެވެ. އެއާއެކު ފިރާޝާއަށް ބަލައިލަމުން ހެވިފައި ހުރެ މާޒިން ފާޚާނާއާ ދިމާލަށް ހިނގައިގަތެވެ.
ހެނދުނު ހެނދުނާ މާޔާ ގޯތިތެރެއަށް ނިކުމެއްޖެއެވެ. ދުވަސްތަކަކަށްފަހު އަމިއްލަ ގެއަށް އާދެވުމުން މާޔާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ރަށަށް އައުމަށްފަހު ހޭދަކުރަންޖެހޭނީ އުނދަގޫ ދުވަސްތަކެއްކަން ވެސް އޭނާއަށް އެނގެއެވެ.
" ދަރިފުޅާ." ކުއްލިއަކަށް އިވުނު ރާޒީގެ އަޑަށް މާޔާ ފަހަތް ބަލައިލިއެވެ.
އޭރު ރާޒީ ހުރީ މަގުމަތީގައެވެ. ހަތަރުފޫޓަށް ރާނާފައި ހުރި ވަށާފާރުގެ ބޭރުގައި ހުރެ އޭނާ މާޔާއަށް ބަލަމުން ދިޔައީ ހައިރާންކަމާއެކުއެވެ.
" ކޮންއިރަކު ދަރިފުޅު އައީ؟" ރާޒީ އެހެން ބުނެ ފުޅާ ހިނިތުންވުމެއްގައި ހުރެ މާޔާއާ ދިމާލަށް ހިނގައިގަތެވެ.
ހިނިތުންވެލަން ބޭނުންވި ނަމަވެސް، އެއްވެސް ޝުއޫރެއް ފާޅު ކުރުމެއްނެތި މާޔާ ހުރީ ބައްޕައަށް ބަލަހައްޓައިގެންނެވެ.
" ދަރިފުޅު ކިހިނެއް؟" ރާޒީ އެހިއެވެ.
ރާޒީގެ މޫނަށް ބަލަހައްޓައިގެން މާޔާއަށް ހުރެވުނީ ހިތަށް އަރާ ފައިބާ އެއްޗެހި ގިނަކަމުންނެވެ. އެއީ މާޔާ އެންމެ ލޯބިިވި އިންސާނާއެވެ. މަންމައަށް ވުރެ ބޮޑަށް އޭނާ ބައްޕަދެކެ ލޯބިވާކަމަށް އަބަދުވެސް ބުނެއެވެ. ދިމާވާ ކޮންމެ ކަމެއް ޖެހިލުމެއްނެތި ބައްޕައާ ޙިއްޞާކުރިއެވެ. މަޖާކޮށް ސަކަރާތްޖަހާ ހެދިއެވެ. ބައްޕަ ފަހަތުން ބައްޕަ ދާހާ ތަނަކަށް ދިޔައެވެ. ދޮންބެދެކެ ބޮޑަށް ލޯބިވެދާނެތީ ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރީ ވާދަވެރިކަމާއެކުއެވެ. އޭނާގެ ހުރިހާ ވެސް މީހަކީ ބައްޕައެވެ.
މާޔާ ކުރިން ހީކުރީ، އޭނާ އެންމެ ދެރަވެ ހިތުގައި ޖެހޭނީ މަންމަ ފެނުމުން ކަމަށެވެ. ނަމަވެސް އޭނާއަށް ކުރެވުނީ ކުށްހީއެއްކަން ޔަޤީންވީ ބައްޕަ ފެނުމުން ހިތުގައި އެޅި ވޭން ބޮޑުކަމުންނެވެ. ބައްޕައާ އަނގައިން ބުނެލަން ވެސް އޭނާގެ އަޑު އަރުތެރެއިން ނުނިކުތުމުންނެވެ. ވާހަކަ ދައްކާލާނެ ހިތްވަރު ވެސް ނުލިބުމުންނެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!