އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ، ކާބަން މަދު އިކޯ-ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ރަސްމާލެއަކީ ކުރިމަގުގައި ކަނޑުގެ ލޮނުގަނޑު އުފުލޭނެކަމަށް ލަފާކުރާ މިންވަރަށްވުރެ އުސްކޮށް ހިއްކަމުންދާ ރަށެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޔުނައިޓެޑް ނޭޝަންސް ގްލޯބަލް ސެންޓަރ ފޯރ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އިން ތުރުކީވިލާތުގައި ކުރިއަށްގެންދިޔަ 'ސީ-ލެވެލް ރައިސް: މަލްޓި-ލެވެލް އެކްޝަން ފޯރ ކޯސްޓަލް ރެޒިލިއަންސް' ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މި ސެޝަންގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޫސުމީ ނާޒުކުކަމަކީ ދިވެހިރާއްޖޭގެ ކުރިމަގު އެކަމެއްގެ މައްޗަށް ބިނާވެ، ކަނޑައެޅިގެންދާނެ ކަމެއް ނޫން ކަމަށެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލުން ރާއްޖޭގެ ރަށްތަކާއި ރައްޔިތުން ސަލާމަތްކުރުމަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އަޒުމު ތަކުރާރުކުރައްވައި، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ތަރައްޤީއަށް ކުރިމަތިވާ ވަގުތީ ގޮންޖެހުމެއްގެ އިތުރުން ރާއްޖޭގެ ދެމިއޮތުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ބިމާއި ރަށްތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ބިމެއް ނޫން ކަމަށާއި، އެއީ ދިވެހިންގެ ގެދޮރާއި، ތާރީޚާއި، އަދި އަމިއްލަވަންތަކަން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ބިމުން ކުޑަ މިންވަރެއް ގެއްލިގެން ދިޔުމަކީވެސް ޤައުމުގެ އިސްތިޤްލާލަށާއި، ތަރިކައަށާއި، މުސްތަޤްބަލަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަން ބަޔާންކުރައްވައި، ދިވެހީންނަށް އެމީހުންގެ އަމިއްލަ ރަށްތަކުގައި ދިރިއުޅުމުގެ ޙައްޤު ރައްކާތެރިކުރުމަކީ ޤައުމީ ފެންވަރުގައި އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމުގައި ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން، ޤުދުރަތީ ގޮތުން ރަށްތައް ހިމާޔަތްކޮށްދޭ ފަރުތަކާއި ކުޅިތައް ރައްކާތެރިކުރުމަށާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ރަށު ފެންވަރުގައި ކުރިއަށްގެންދާ މިފަދަ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތާއި މާލީ އެހީތެރިކަން މުޖުތަމަޢުތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ޤައުމީ ފެންވަރުގައި ކުރެވިފައިވާ ކަންކަމަށް ބައްލަވާލައްވަމުން، ހުޅުމާލެއަކީ އުސްކޮށް ހިއްކައިގެން ރާއްޖޭގެ މޫސުމީ ސަލާމަތަށްޓަކައި ކުރެވިފައިވާ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އަދި ރަސްމާލެ މަޝްރޫޢާއެކު ކުރެވެމުންދާ މަސައްކަތްތަކަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން ޤައުމީ ތަރައްޤީގެ ތެރޭގައި ހިމަނައިގެން ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅުއްވާ ތަޞައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ކާރިސާތައް ހިނގުމުން ފިޔަވަޅު އެޅުމުގެ ބަދަލުގައި، މޫސުމަށް އަހުލުވެރިވުމުގެ މަސައްކަތްތައް ތަރައްޤީގެ މައި ޕްލޭންތަކުގައި ހިމެނުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް އެކުލަވާލާ ޕްލޭންތަކުގައި 'ކްލައިމެޓް މޮބިލިޓީ' ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަށީގެންވާ، ދެމެހެއްޓެނިވި އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަމަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ. މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ލިބޭ އެހީތެރިކަމަކީ ޚައިރާތެއްގެ ބަދަލުގައި ހިލޭ އެހީގެ ގޮތުގައި ލިބެންޖެހޭ އެއްޗެއްކަން ފާހަގަކުރައްވައި، އެއީ މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ. އަދި ވާހަކަފުޅު ނިންމަވާލައްވަމުން، އަންނަން އޮތް ޖީލުތަކަށް ކާބަފައިންގެ ބިމުގައި ދިރިއުޅެ ކުރިއެރުން ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ރަށްތައް ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ އަޒުމް ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.