ހުރަވީ ދުވަސް ފަދަ ޤައުމީ މުހިންމު ދުވަހެއް ފާހަގަކުރަމުންދާއިރު، ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހައި ރިވެތި އަޚްލާޤީ ސިފަތައް ދެމެހެއްޓުމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މިކަމަށް އިލްތިމާސްކުރެއްވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

މި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ހުރަވީ ދުވަހުގެ މަތިވެރި ހަނދާންތައް އާކުރައްވާފައެވެ. އެގޮތުން، ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވުމަށްޓަކައި އެ ދުވަހުގެ ބަޠަލް، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ދޮން ބަންޑާރައިން ކުރެއްވި މަތިވެރި މަސައްކަތްޕުޅުތަކަށާއި އެ ދުވަހުގެ ތާރީޚީ މުހިންމުކަމުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

ވަޒީރު ހީނާ ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރާއިރު ކޮންމެ ދިވެއްސަކުވެސް ޢަޒުމް ކަނޑައަޅައި، ޢިބްރަތް ލިބިގަންނަންވީ މުހިންމު ފިލާވަޅުތަކެއް އެބަހުރި ކަމަށެވެ. އެއީ ޤައުމު ދެކެ ލޯބިވުމާއި، ކޮންމެ ކަމެއްގައިވެސް ޤައުމު އިސްކުރުމުގެ އިތުރުން، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ އެންމެހައި ރިވެތި އަޚްލާޤީ ސިފަތައް ދެމެހެއްޓުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ބިނާވެފައި ވަނީ ޢުމްރާނީ ތަރައްޤީއާއި އިންސާނީ ބިނާކުރުމުގެ މައްޗަށްކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ އިންސާނީ ބިނާކުރުމުގައި ޤައުމު ދެކެ ލޯބިވުމުގެ ފުން އިޙްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރެއްވުމަކީ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށްޓަވައި، އެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އަންނަ ހޮނިހިރު ދުވަހުގެރޭ އިފްތިތާޙު ކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މި ސިޔާސަތުތަކުގެ މުހިންމުކަމާ ގުޅޭގޮތުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވިޝަން 2040 ވަނަ އަހަރަކީ ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ކުރެވޭ ޢުމްރާނީ އަދި އިސްތިރާޖީ މަސައްކަތްތަކާ އެކުއެކީގައި މިފަދަ އިންސާނީ ބިނާ ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ވަށާޖެހޭ ތަރައްޤީ ގެނައުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

ވަޒީރު ހީނާ ވިދާޅުވިގޮތުގައި ޤައުމެއްގައި ތަރައްޤީއާއި ކުރިއެރުމުގެ ތެރެއިން ރައްޔިތުންނަށް އޭގެ ޙަޤީޤީ ފޮނިމީރުކަން ލިބެނީ އެ ޤައުމެއްގެ އިންސާނީ ސިކުނޑިތައްވެސް އެންމެ ހެޔޮގޮތުގައި ބިނާކުރެވިގެންނެވެ. އެހެންކަމުން ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކޮށް، ކާބަފައިންގެ ރިވެތި އާދަތައް އަލުން އިޢާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ މުހިންމުކަން އެކަމަނާ ވަނީ ތަކުރާރުކުރައްވާފައެވެ.