ފަލަސްތީނުގެ ގާޒާގެ ރައްޔިތުން ދިރިއުޅެމުންދާ ވަގުތީ ފޭލިގެތަކަށް ފެންވަދެ، ފިނިގަދަވުމުގެ ސަބަބުން ނުވަ މަހުގެ ތުއްތު ކުއްޖަކު މަރުވެފައިވަނިކޮށް، އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ގާޒާއަށް ވެއްދުމުގެ ފުރުސަތު ދިނުމަށް ތުރުކީވިލާތް ހިމެނޭހެން 53 ގައުމަކާއި ޖަމާއަތަކުން އިސްރާއީލަށް ގޮވާލައިފިއެވެ.

ބުރާސްފަތި ދުވަހު މިކަމަށް ގޮވާލާފައިވަނީ މޫސުން ގޯސްވެ، ޓެންޓުތަކުގައި ތިބި އެތައް ހާސް ބަޔަކު އަނެއްކާވެސް ހާލުގައި ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

Ad
rt

އދ. ގެ މައި މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިނގިރޭސިވިލާތާއި ގަތަރު އަދި އުރުދުން އިސްވެ އޮވެ އެކުލަވާލި މި ބަޔާން އިއްވަވައިދެއްވީ އިނގިރޭސިވިލާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސާރާ މެކިންޓޮޝްއެވެ. އޭނާ ވިދާޅުވީ އދ. ގެ ސަލާމަތީ މަޖިލީހުގެ 2803 ވަނަ ގަރާރުން ތާއީދުކޮށްފައިވާ ސުލްހައިގެ ޕްލޭނުގައި ބަޔާންކޮށްފައިވާ ގޮތަށް، 19 ޖެނުއަރީ 2025 ގައި އެއްބަސްވި މިންވަރަށް ވުރެ މަދުނޫން އަދަދަކަށް ގާޒާއަށް އެހީ ވެއްދުމަށް ކަނޑައެޅިފައިވީ ނަމަވެސް، އެކަން އަދިވެސް ހަގީގަތަކަށް ނުވާ ކަމަށެވެ. އަދި ފިނި މޫސުން ފެށިގެން އަންނައިރު އެކަށީގެންވާ ހިޔާވަހިކަމެއް ނެތި، ފިނީގެ ސަބަބުންނާއި ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތަކަށް އެތައް ބަޔަކު ހުށަހެޅެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބަޔާނުގައި އިސްރާއީލުގެ އައު ސަރުކާރަށް ގޮވާލާފައިވަނީ، ހުރިހާ ބޯޑަރު ހުރަސްތަކަކާއި އެއްގަމު މަގުތައް މެދުވެރިކޮށް ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށެވެ. މީގެ އިތުރުން، އިރުމަތީ ގުދުސް އަދި ހުޅަނގު އައްސޭރީގެ ހޮސްޕިޓަލްތަކަށް ބަލިމީހުން ފޮނުވޭނެ ނިޒާމު އަލުން ގާއިމުކުރުމަށާއި، ސިއްހީ އަދި އިންސާނީ އެހީތެރިންނަށް ދިން ހަމަލާތަކުގެ ދެފުށް ފެންނަ ތަހުގީގެއް އަވަހަށް ހިންގުމަށާއި، ބައިނަލްއަގުވާމީ ވަފުދުތަކާއި ނޫސްވެރިންނަށް ގާޒާއަށް ވަނުމުގެ ހުއްދަ ދިނުމަށް ވެސް ވަނީ އެދިފައެވެ. އަދި ބަޔާނުގައި ބައިވެރިވި ގައުމުތަކުން ވަނީ ފިނި މޫސުމަށް ތައްޔާރުވުމުގެ ގޮތުން ބޭނުންވާ ޓެންޓާއި ފެނާއި ސާފުތާހިރުކަމާއި ސިއްހީ ސާމާނު ފޯރުކޮށްދިނުމުގައި އެހީތެރިވާނެ ކަމަށް ވައުދުވެފައެވެ.

މި ދަނޑިވަޅުގައި، ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުރި ޓެންޓެއްގެ ތެރޭގައި ގަދަ ފިނީގެ ސަބަބުން ނުވަ މަހުގެ ތުއްތު ފިރިހެން ކުއްޖަކު މަރުވެފައިވާ ކަމަށް އޭއެފްޕީ ނިއުސް އެޖެންސީއަށް ކުއްޖާގެ ބައްޕައާއި ޑޮކްޓަރަކު ވަނީ ކަށަވަރުކޮށްދީފައެވެ. ނަން ހާމަނުކުރަން އެދުނު ޑޮކްޓަރަކު ބުނި ގޮތުގައި، ކިނާން އަހުމަދު ރަގީގު ނަމަކަށް ކިޔާ އެ ކުއްޖާ މަރުވީ ފިނިގަދަވުމުގެ ސަބަބުންނެވެ. ކުއްޖާގެ ބައްޕަ އަހުމަދު ރަގީގު ބުނީ، ހޭލެވުނުއިރު ދަރިފުޅުގެ ހަންގަނޑު ނޫކުލައަކަށް ބަދަލުވެފައިވާތީ ވަގުތުން ނާސިރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ނަމަވެސް އޭރު ވެސް ދަރިފުޅު އޮތީ ގަނޑުވެ މަރުވެފައި ކަމަށެވެ. އަދި ކަފުންކޮށްފައިވާ ދަރިފުޅު އަތްދަނޑިމައްޗަށް ލައިގެން ހޮސްޕިޓަލް ބޭރުގައި ހުރެ އޭނާ ބުނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ސިހުމެއް ކަމަށެވެ.

ފާއިތުވި ހަފުތާގައި ގާޒާއަށް ކުރި ބޯ ވިއްސާރައިގައި އެތައް ހާސް ބައެއްގެ ޓެންޓުތަކަށް ފެންވަދެފައިވާއިރު، ފެންބޮޑުވި ދުވަހުގެ އަނެއް ދުވަހު ވެލިގަނޑެއް ވެއްޓި ތިން ކުޑަކުދިން ހިމެނޭހެން ފަސް މީހުން ވަނީ މަރުވެފައެވެ. އަދި ގާޒާ ސިޓީއާއި އުތުރާއި މެދުތެރޭ ސަރަހައްދުތަކުގެ ކޭމްޕުތަކުގައި ފެންބޮޑުވުމުން އެތައް ސަތޭކަ އާއިލާއެއް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ. ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވިދާޅުވީ، މިއީ ފިނި މޫސުމުގެ ފެށުން އެކަނި ކަމަށާއި އަސްލު ފިނި މޫސުން އަންނަން އަދި ހަފުތާތަކެއް އެބައޮތް ކަމަށެވެ. އެހެންކަމުން ގާޒާގައި ކުރިމަތިވަމުން މިދަނީ ކުރިން ތަޖުރިބާކޮށްފައި ނުވާ ވަރުގެ ގަދަ ވިއްސާރައަކާއި ފިންޏެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އދ. ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) އިން ބުނީ، މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ތޫފާނުގެ އަސަރު 26،000 އާއިލާއަކަށް ކޮށްފައިވާ ކަމަށެވެ. އަދި ގާޒާގެ އާބާދީގެ ގާތްގަނޑަކަށް 65 އިންސައްތަ މީހުން އަދިވެސް ދިރިއުޅެނީ ގެދޮރު ގެއްލި ޓެންޓުތަކުގައެވެ. 10 އޮކްޓޯބަރު 2025 ގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އިއުލާނުކުރި ނަމަވެސް، އިސްރާއީލުން ދަނީ ހަމަލާތައް ދެމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު ނާސިރު ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި ވެސް އާންމުންގެ ހަ މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޯޑް އޮފް ޕީސް އިން ވެސް ވަނީ، ފިނި މޫސުމާ ގުޅިގެން އިސްރާއީލުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށް ބުނެ، ވަގުތުން ގާޒާއަށް ސާމާނު ވެއްދުމުގެ ހުއްދަ ދިނުމަށް މަދުން ނޫނީ ނުފެންނަ ފަދަ ގޮތަކަށް އިސްރާއީލަށް ފާޑުކިޔައިފައެވެ.