ޔުއެފާ ނޭޝަންސް ލީގުގައި އެއް ލަނޑު ފަހަތުގައި އޮތުމަށްފަހު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް، ގްރޫޕް އޭ1 ގެ އެއްވަނަ މަގާމު އިޓަލީން ހޯދައިފިއެވެ.

ސެން ސީރޯގައި ކުޅުނު މި މެޗުގައި އިޓަލީގެ ފްރެންޗެސްކޯ ޕިއޯ އެސްޕޮސިޓޯ ދެ ލަނޑު ޖެހިއިރު، މިއީ ފްރާންސްގެ ހެޑް ކޯޗުކަމާ ހަވާލުވި ފަހުން ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.

Ad
rt

އަނިޔާގެ ސަބަބުން ކީލިއަން އެމްބާޕޭ އަދި އޮސްމާން ޑެމްބެލޭ ނުލައި ފްރާންސުން ކުޅުނު ނަމަވެސް، މިލާނަށް ބޯކޮށް ވާރޭ ވެހެމުންދިޔަ މި މެޗު އެ ޓީމުން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ ކުރީކޮޅު ޑެސިރޭ ޑުއޭ، އަލަށް ކެޕްޓަންކަން ކުރި އޭޑްރިއަން ރަބިއޯ އަދި ލޫކަސް ޑަ ކުންހާ އަށް ލިބުނު ފުރުސަތުތަކަށް ފަހު، މެޗުގެ 10 ވަނަ މިނެޓުގައި ފްރާންސުން ލީޑު ނެގިއެވެ. މި ލަނޑަކީ އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުއްމާ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މައިކަލް އޮލީސޭ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ނޭޝަންސް ލީގުގައި ކުޅުނު ފަސް މެޗުން އޮލީސޭ ޖެހި ފަސްވަނަ ލަނޑެވެ.

މެޗުގައި އިޓަލީން އެއްވަރުކުރީ 26 ވަނަ މިނެޓުގައި އެ ޓީމަށް ތަނަވަސްކުރެވުނު ފުރަތަމަ ފުރުސަތުގައެވެ. ނިކޯލޯ ކަމްބިއާގީ އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ޖެހީ ޕިއޯ އެސްޕޮސިޓޯއެވެ. އޭގެ ދެ މިނެޓު ފަހުން އޭނާގެ ބޭބެ ސެބަސްޓިއާނޯ އެސްޕޮސިޓޯ ފޮނުވާލި ހަމަލާއެއް ފްރާންސްގެ ކީޕަރު މައިކް މައިންޔޯން ދިފާއުކުރިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރާންސްގެ ބްރެޑްލީ ބާކޯލާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ފްރާންސްގެ ރަޔާން ޗެރްކީ ފޮނުވާލި ބާރު ހަމަލާއެއް ޑޮންނަރުއްމާ ދިފާއުކުރުމުން އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި އޭގެ ފަހުން އިޓަލީގެ ކަމްބިއާގީ އަށް މާލޯ ގުސްޓޯ ކުރި ފައުލަކާ ގުޅިގެން މެޗުގެ 60 ވަނަ މިނެޓުގައި އިޓަލީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ސެބަސްޓިއާނޯ އެސްޕޮސިޓޯ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެޑެރީކޯ ޑިމާކޯ ނަގައިދިން ހުރަހަކުން ޑާވިޑޭ ފްރަޓޭސީ ވަނީ ލަނޑެއް ޖަހައި އިޓަލީއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެންޓޯނިއޯ ވާގާރާ އަށް ޑަޔޮޓް އުޕަމެކާނޯ ކުރި ފައުލަކަށް ލިބުނު ދެވަނަ ޕެނަލްޓީ ކާމިޔާބުކޮށް، ފްރެންޗެސްކޯ ޕިއޯ އެސްޕޮސިޓޯ ވަނީ އިޓަލީގެ ތިންވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު އިޓަލީ އޮތީ 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ. ފްރާންސަށްވެސް 10 ޕޮއިންޓް ލިބިފައިވީ ނަމަވެސް، ހެޑް-ޓޫ-ހެޑް ރެކޯޑުން ކުރި ލިބެނީ އިޓަލީއަށެވެ. ތާވަލުގެ ފުލުގައި އޮތް ތުރުކީ އަތުން މޮޅުވި ބެލްޖިއަމް އޮތީ ނުވަ ޕޮއިންޓާއެކު ތިންވަނައިގައެވެ. މިއީ 1962 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ފްރާންސްގެ މައްޗަށް އިޓަލީން ކުރި ހޯދި ފުރަތަމަ ފަހަރެވެ. އަދި ރޮބާޓޯ މަންޗީނީ ދެވަނަ ފަހަރަށް އިޓަލީގެ ކޯޗުކަމާ ހަވާލުވި ފަހުން ބަލިނުވެ ދެމެހެއްޓި ސިލްސިލާ ވަނީ ހަތަރު މެޗަށް އިތުރުވެފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި އާދީއްތަ ދުވަހު އިޓަލީ ނުކުންނާނީ ބެލްޖިއަމާ ދެކޮޅަށް ރަށުން ބޭރުގައެވެ. އަދި ފްރާންސްގެ ދަނޑުގައި އެ ޓީމު ބައްދަލުކުރާނީ ތުރުކީއާއެވެ.

ނޭޝަންސް ލީގުގައި ބުރާސްފަތި ދުވަހު ކުޅުނު އެހެން މެޗަކަށް ބަލާއިރު، ވެމްބްލީ ސްޓޭޑިއަމްގައި 80،400 ސަޕޯޓަރުންގެ ކުރިމަތީގައި ކްރޮއޭޝިއާ 2-1 އިން ބަލިކޮށް އިންގްލެންޑް ވަނީ މުބާރާތުގެ ގަދަ އަށެއްގެ ތެރެއިން ޖާގަ ހޯދައިފައެވެ. ގައުމީ ޓީމަށް ކުޅުނު ރެކޯޑު 126 ވަނަ މެޗުގައި އިންގްލެންޑް މޮޅުކޮށްދިން ލަނޑު، 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ކެޕްޓަން ހެރީ ކޭންއެވެ. މިއީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 92 ވަނަ ލަނޑެވެ. މި މެޗު ފެށުމުގެ ކުރިން، މީގެ ކުރިން އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑު އޮތް ޕީޓާ ޝިލްޓަން ވަނީ ކޭންއަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.