ސްޕެއިންގެ ގައުމީ ޓީމުގެ ފޯވާޑް ލަމީން ޔަމާލަށް އެހެން ކުޅުންތެރިންނާ ތަފާތު ހާއްސަ އިމްތިޔާޒުތަކެއް ދޭ ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް ބުނެ، ޓީމުގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ.
ގައުމީ ސްކޮޑުގެ އެހެން ކުޅުންތެރިންނަށް ވުރެ ލަހުން ޔަމާލް ޓީމުގެ ފަރިތަކުރުންތަކާ ގުޅޭގޮތަށް ނިންމި ނިންމުމާ ގުޅިގެން މީޑިއާތަކުން ރިޕޯޓުކުރި ގޮތާމެދު ކޯޗު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން، ޔުއެފާ ނޭޝަންސް ލީގުގައި ބުރާސްފަތި ދުވަހު ޗެކް ރިޕަބްލިކާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗަށް ޔަމާލް ދަތުރުކޮށްފައެއް ނުވެއެވެ. ނަމަވެސް އަންނަ އާދީއްތަ ދުވަހު އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ލިބޭނެ ކަމަށް ވަނީ ބެލެވިފައެވެ. ޑެލަ ފުއެންޓޭ ބުނީ ބާސެލޯނާގެ ޒުވާން ފޯވާޑްގެ ކަނާތު ކަކުލުގައި ދުޅަކަމެއް ހުރި ކަމަށާއި، އޭނާއާ މެދު ތަފާތުކޮށް އަމަލުކުރާ ކަމަށް ދައްކަން ބައެއް މީޑިއާތަކުން މަސައްކަތް ކުރާތީ ކަންބޮޑުވާ ކަމަށެވެ.
"އަހަރެމެންގެ މެޑިކަލް ޓީމުން އޭނާ ބެލުމަށްފަހު އަހަރެން ނިންމީ، ދަތުރުކުރުމުގެ ބަދަލުގައި ފަރުވާ ހޯދަން ކްލަބުގައި މަޑުކުރުން މާ ރަނގަޅު ވާނެ ކަމަށް،" ބުދަ ދުވަހު ވާހަކަދައްކަމުން ޑެލަ ފުއެންޓޭ ބުންޏެވެ. "ލަމީންއަށް އެއްވެސް ހާއްސަ އިމްތިޔާޒެއް ނޯންނާނެ. އެހެން ކޮންމެ ކުޅުންތެރިއަކަށް ވެސް އަހަރެމެން ކަންތައް ކުރާނީ މިގޮތަށް."
މީޑިއާތަކުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާތީ ހިތާމަކުރާކަން ފާހަގަކުރަމުން ޑެލަ ފުއެންޓޭ ބުނީ، އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ ދޮގު ހެދުމާއި، އިތުބާރު ނުހިފެހެއްޓުމާއި، ހަގީގަތެއް ނެތް ވާހަކަތައް އުފެއްދުމުން ކަމަށެވެ. އަދި އޮޅުވާލައި ދޮގުހަދަން މަސައްކަތްކުރާ މީހުން ދައްކާ ވާހަކަތަކަށް ކެތްނުކުރެވޭނެ ކަމަށާއި، އާންމުންނަށް ހަގީގަތް އެނގެން ޖެހޭތީ އާންމުކޮށް ހާމަކުރަންޖެހޭ ވަރަށް ވުރެ އިތުރަށް މައުލޫމާތު ހިއްސާކުރަން މަޖުބޫރުވީ ކަމަށް ވެސް އޭނާ ބުންޏެވެ. މި ނިންމުމަކީ ވަކި ކުޅުންތެރިއަކަށް ވީތީ ނިންމި ނިންމުމެއް ނޫންކަން ފާހަގަކުރަމުން އޭނާ ބުނީ، ރެއާލް ސޮސިއެޑާޑްގެ ކުޅުންތެރިޔާ މިކޭލް އޮޔާޒަބާލް ވެސް އަރިދަފުސް ރޯގާއިން ރަނގަޅުވަމުން އަންނާތީ ސެން ސެބަސްޓިއަންގައި ހުރުމަށްފަހު ގައުމީ ޓީމާ ގުޅޭނީ ލަހުން ކަމަށެވެ.
ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ހޯމަ ދުވަހު ބުނީ، ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހު އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން ބާސެލޯނާ މޮޅުވި މެޗަށްފަހު، ޔަމާލްގެ ކަނާތު ކަކުލުގައި ރިހުމެއް ހުރިކަން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ކޯޗު ބުނި ގޮތުގައި ޔަމާލްގެ ހާލަތު އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން އަންގާރަ އަދި ބުދަ ދުވަހު ވެސް އޭނާއާ ވާހަކަދެއްކި ކަމަށާއި، އަނިޔާ ރަނގަޅުވަމުން އަންނަ ގޮތް ރަނގަޅު ކަމުން ހުކުރު ދުވަހު އޭނާ ޓީމާ ގުޅޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ކޯޗު ބުންޏެވެ.
ދުނިޔޭގެ ޗެމްޕިއަން ސްޕެއިން މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު ނޭޝަންސް ލީގު ގްރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އިންގްލެންޑަށް ވުރެ ތިން ޕޮއިންޓުގެ ކުރިއެރުމެއްގައި އޮތް ސްޕެއިނުން މިހާރު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. މި ގްރޫޕުގައި ކްރޮއޭޝިއާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ޗެކް ރިޕަބްލިކަށް އަދި އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!