އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު ގޮވައިގެން ދަތުރުކުރި ފްލައިޓް އިރާގުގެ ބަސްރާ އެއާޕޯޓަށް ޖެއްސުމުގެ ހުއްދަ ނުދީ އެ ގައުމުން ހިފަހައްޓައިފިއެވެ.
މި ނިންމުމަކީ އީރާނުގެ އެއާލައިންތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އިރާގުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނިންމި ނިންމުމެއް ކަމަށް ބަސްރާ އެއާޕޯޓުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ވަނީ ރިޕޯޓުކޮށްފައެވެ.
އަންގާރަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އެ ފްލައިޓް ވަނީ އަނބުރާ އީރާނަށް ގޮސް އާބާދާން އެއާޕޯޓަށް ޖައްސައިފައެވެ. ބަސްރާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓްގެ އޮފިޝަލަކު ވިދާޅުވީ، ދަތުރު ހުއްޓުމަކަށް އައުމާ ގުޅިގެން އީރާނު ޓީމު މިހާރު ނިންމާފައިވަނީ އެއްގަމު މަގުން ބަސްރާއަށް ދަތުރުކުރުމަށެވެ.
އީރާނުގެ ގައުމީ ޓީމު އިރާގަށް ދަތުރުކުރީ ބަސްރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ގައުމުގެ މުބާރާތެއްގައި ވާދަކުރުމަށެވެ. މި މުބާރާތުގައި އީރާނުގެ އިތުރުން ދެން ބައިވެރިވަނީ މުބާރާތް ބާއްވާ އިރާގާއި، ލުބުނާން އަދި ފަލަސްތީނެވެ.
އިރާގުގެ ސިވިލް އޭވިއޭޝަންގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، އީރާނުގެ މަތިންދާބޯޓަށް ޖެއްސުމުގެ ހުއްދަ ނުދިނީ އެމެރިކާއިން އީރާނުގެ އެއާލައިންތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވުމުގެ ނުރައްކާ އިރާގަށް ނެގެން ނެތުމުންނެވެ. މި ހާދިސާގެ ސަބަބުން، އިރާގުގައި ހިންގާ އީރާނުގެ ވައިގެ ދަތުރުފަތުރުގެ ހަރަކާތްތަކަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ބޮޑުވަމުންދާ މިންވަރު ވަނީ ހާމަވެގެން ގޮސްފައެވެ.
އީރާނުގެ މުޅި މަދަނީ ވައިގެ އުޅަނދުފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުއްޓުވާލުމުގެ މަގުސަދުގައި، އެ ގައުމުގެ އެއާލައިންތަކާ އެކު މުއާމަލާތްކުރާ ބައިނަލްއަގުވާމީ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަން ވޮޝިންޓަނުން އިއުލާނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ފަހުންނެވެ. އީރާނުގެ ބޯޓުފަހަރަށް ހިދުމަތްދޭ އެއާޕޯޓްތަކަށާއި ހިދުމަތްދޭ ފަރާތްތަކާ ދެކޮޅަށް ދެވަނަ ދަރަޖައިގެ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ދިނުމާ ގުޅިގެން، ބަގުދާދު އެއާޕޯޓަށް ކުރާ އީރާނުގެ ދަތުރުތައް ހުއްޓާލުމަށް ވެސް ސެޕްޓެމްބަރު މަހު އިރާގުން ވަނީ އަންގައިފައެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ އީރާނުގެ އެއާލައިންތަކަށް ހިދުމަތްދޭ އެއާޕޯޓްތަކަށް ފިޔަވަޅު އަޅައި، އެމެރިކާ ޑޮލަރުގެ ނިޒާމުން އެ ތަންތަން ބޭރުކޮށްލާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފައެވެ. މި އިންޒާރަކީ އީރާނުގެ ދަތުރުފަތުރުގެ ދާއިރާއަށާއި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނުގެ އެއާލައިންތަކަށް ހިދުމަތްދޭ ބޭރުގެ ފަރާތްތަކަށް ހުރަސްއެޅުމަށް އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ބައެކެވެ.
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަމުން ދަނީ އީރާނުގެ އިގުތިސޯދު ފިއްތާލުމުގެ ބޭނުމުގައެވެ. މިއީ އެމެރިކާ އާއި އިސްރާއީލުން ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި އަޅަމުންދާ ފިޔަވަޅުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!