މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ ރެގިއުލާ ސީޒަނުގެ ފަހު މެޗުގައި، ފުރަތަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ޝާލޮޓް އެފްސީ އަތުން 3-3 އިން އިންޓަ މިއާމީ އެއްވަރުވި ނަމަވެސް، އެ ޓީމުގެ ތަރި ލިއޮނަލް މެސީ ތާރީޚީ ކާމިޔާބީއަކާ ގާތަށް ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު މި މެޗުގައި މެސީއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، އޭނާ ވަނީ މި ސީޒަން 26 ލަނޑާއެކު ނިންމާލައިފައެވެ.

Ad
rt

މި ސީޒަނުގައި ޖެހި 26 ލަނޑާއެކު މެސީ މިހާރު މަގުފަހިކޮށްފައިވަނީ އެމްއެލްއެސްގެ ތާރީޚުގައި ޖެހިޖެހިގެން ދެ ސީޒަނުގައި 'ގޯލްޑަން ބޫޓް' ހާސިލުކުރާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި މިއާމީން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އިއާން ފްރޭ އެ ޓީމަށް ލީޑު ނަގައިދިންއިރު، 33 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ވަނީ ގާތުން ފޮނުވާލި ބޯޅައަކުން ދެވަނަ ލަނޑު ޖަހައިފައެވެ. ސުއަރޭޒް މި ލަނޑު ކާމިޔާބުކުރީ މެސީ ނެގި ކޯނަރެއް ޖާމަން ބާޓެރާމޭ ބޮލުން ގޯލާ ދިމާލަށް ފޮނުވާލުމުންނެވެ. އަދި ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، 42 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މިއާމީގެ ތިންވަނަ ލަނޑު ޖަހައިދިނީ ރޮޑްރީގޯ ޑި ޕޯލްއެވެ.

ނަމަވެސް ދެވަނަ ހާފުގައި ޝާލޮޓުން ވަނީ ކުޅުން ވަރުގަދަކޮށް މެޗުގެ ތެރެއަށް އެނބުރި އައިސްފައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓާއި 55 ވަނަ މިނެޓުގައި ލިއެލް އަބާދާ ޖެހި ދެ ލަނޑާއެކު އެ ޓީމުން ފަރަގު ކުޑަކުރިއެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި ޓައިގާ ސްމޯލްސް ފޮނުވާލި ހަމަލާ ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، ލިބުނު ރީބައުންޑް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ޝާލޮޓަށް ނަތީޖާ ހަމަހަމަކޮށްދިނީ ރޮޑޮލްފޯ އަލޯކޯއެވެ.

ނޫ ސްޓޭޑިއަމްގައި މިއާމީން ތިން ލަނޑުގެ ލީޑެއް ނެގުމަށްފަހު މޮޅުނުވެ ދޫކޮށްލަން ޖެހުނު މިއީ މިއަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހަށްފަހު ފުރަތަމަ ފަހަރެވެ. އެ ދުވަހު އޯލަންޑޯ ސިޓީން ވަނީ ފަހަތުން އަރައި 4-3 އިން މިއާމީ ބަލިކޮށްފައެވެ. މި މެޗު އެއްވަރުވި ނަމަވެސް، ތިންވަނައިގައި އޮތް ނިއު އިންގްލެންޑް އަތުން އޯލަންޑޯ 1-0 އިން މޮޅުވުމާ ގުޅިގެން، މިއާމީން ވަނީ 60 ޕޮއިންޓާއެކު އީސްޓަން ކޮންފަރެންސްގެ ދެވަނަ މަގާމު ކަށަވަރުކޮށްފައެވެ. އަނެއްކޮޅުން، ސިންސިނާޓީ އަތުން 2-0 އިން މޮޅުވި ނެޝްވިލް ވަނީ 77 ޕޮއިންޓް ހަމަކޮށް، 2024 ވަނަ އަހަރު 74 ޕޮއިންޓް ހޯދައިގެން މިއާމީން ގާއިމުކުރި އެމްއެލްއެސްގެ އެއް ސީޒަނެއްގެ ރެކޯޑް މުގުރާލައިފައެވެ.

އެމްއެލްއެސް ޕްލޭއޮފްގެ ފުރަތަމަ ބުރުގެ 'ބެސްޓް އޮފް ތުރީ' ސީރީޒް މިއާމީން ފަށާނީ އީސްޓަން ކޮންފަރެންސްގެ ދެވަނަ ސީޑުގެ ގޮތުގައި އަމިއްލަ ދަނޑުގައެވެ. މި ބުރުގައި އެ ޓީމު ވާދަކުރަން ޖެހޭނީ ފަސްވަނަ ސީޑުގެ ގޮތުގައި ނިންމި ޝާލޮޓް އެފްސީއާ ދެކޮޅަށެވެ. މި ސީޒަނުގެ ޕްލޭއޮފް މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.