ކުޑަކުދިންގެ އަދުލުގެ ނިޒާމާއި، ރީސްޓޯރޭޓިވް ޖަސްޓިސް ނުވަތަ އަލުން އަނބުރާ އިއާދަކުރުމުގެ އަދުލުގެ އަސާސްތަކާ ގުޅޭގޮތުން ކުޅުދުއްފުށި ސިޓީގެ މުއައްސަސާތަކުގެ އިސްވެރިންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ހދ. އަތޮޅު ޕޮލިސް އަދި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެންނެވެ.

Ad
rt

މިފަދަ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މީގެކުރިން ވަނީ ހއ. އަތޮޅާއި ހދ. އަތޮޅުގެ އެހެން ބައެއް ރަށްތަކުގައި ވެސް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކަކީ އަދުލުގެ ގާނޫނަށް މީހުން އަހުލުވެރިކުރުވުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން މުޅި މުޖުތަމައު ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ސިލްސިލާކޮށް ހިންގަމުން އަންނަ ހަރަކާތްތަކެކެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއަށް ރީސްޓޯރޭޓިވް ޖަސްޓިސްގެ އަސާސްތައް ކަނޑައެޅުމަކީ، ކުށްކުރާ ކުދިންނަށް ހަރުކަށި އަދަބު ދިނުމުގެ ބަދަލުގައި އެކުދިން އިސްލާހުކޮށް މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރުމަށް އޮތް އެންމެ ކާމިޔާބު މަގެވެ. އަދި މި ނިޒާމުގެ މައިގަނޑު އަމާޒަކީ ކުށުގެ ސަބަބުން ލިބުނު ގެއްލުމުގެ ޒިންމާ ކުއްޖާއަށް ވިސްނައިދީ، އަނިޔާ ލިބުނު ފަރާތާއި މުޖުތަމައާ ދެމެދު އޮތް ގުޅުން އަލުން އިއާދަކޮށްދިނުމެވެ.

ރީސްޓޯރޭޓިވް ޖަސްޓިސްގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި، ކުށަކީ ހަމައެކަނި ގާނޫނާ ހިލާފުވުމެއް ނޫންކަމާއި އެއީ އިންސާނުންނާއި މުޖުތަމައަށް ލިބޭ ގެއްލުމެއްކަން ދެނެގަނެ، އެ ގެއްލުން ވީވަރަކުން މަރާމާތުކުރުން ހިމެނެއެވެ. މީގެއިތުރުން، ކުށްކުރި ކުއްޖާގެ އަމަލުތަކުން އަނެކުންނަށް ކުރި އަސަރު ގަބޫލުކޮށް ފުރިހަމަ ޒިންމާ ނަގަން ދަސްކޮށްދިނުމާއި، އަނިޔާ ލިބުނު ފަރާތާއި މުޖުތަމައު ގުޅިގެން މައްސަލައަށް ހައްލު ހޯދުމުގެ އިތުރުން، ކުއްޖާ ބާކީނުކޮށް އަލުން މުޖުތަމައަށް ގެނައުމަށް (ރީއިންޓަގްރޭޝަން) އެހީތެރިވުން ހިމެނެއެވެ.

މި ނިޒާމަށް މުޖުތަމައު ހޭލުންތެރިކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅިދާނެކަން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި، ކުދިންގެ ފަރާތުން ނޭދެވޭ އަމަލެއް ފެންނައިރު އަދަބު ދިނުމުގެ ބަދަލުގައި "ރީސްޓޯރޭޓިވް" ވިސްނުން ގެންގުޅޭނެ ގޮތްތަކަށް ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުވުމާއި، މީޑިއާ ކެމްޕޭންތައް ހިންގުން ހިމެނެއެވެ. ހަމައެއާއެކު، ސްކޫލްތަކުގައި ކުދިން އަމިއްލައަށް ވާހަކަދައްކައިގެން މައްސަލަ ހައްލުކުރާނެ "ޕީއާރް މީޑިއޭޝަން" ފަދަ އުސޫލުތައް ގާއިމުކުރުމާއި، ކުޑަކުދިން ޖަލަށްލުމުގެ ބަދަލުގައި "ޑައިވަރޝަން" ނުވަތަ ނިޒާމުން ބޭރުން މައްސަލަ ހައްލުކުރާނެ ގޮތްތަކަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި އަދުލުގެ ދާއިރާގެ މުވައްޒަފުން ތަމްރީނުކުރުން ވެސް ހިމެނެއެވެ.

މި ނިޒާމު ހަރުދަނާކަމާއެކު ތަންފީޒުކުރެވިއްޖެނަމަ، ކުއްޖާއަށް ކުށް ވިސްނި އިސްލާހުވާން ފުރުސަތު ލިބިގެންދާނެތީ ކުށް ތަކުރާރުވުން މަދުވެގެންދާނެއެވެ. އަދި އަނިޔާ ލިބުނު ފަރާތުގެ އަޑުއަހައި އެފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދެވޭތީ އެފަރާތަށް ހިތްހަމަޖެހުން ލިބިގެންދާނެއެވެ. މީގެއިތުރުން ކުދިން ބާކީކޮށް ކުށްވެރިންގެ ގޮތުގައި ލޭބަލް ކުރުމުގެ ބަދަލުގައި، މުޖުތަމައުގެ ބައެއްގެ ގޮތުގައި އެކުދިން ބަލައިގަނެވި، އަމާން އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް މިކަމުން މަގުފަހިވެގެންދާނެއެވެ.