4 ނޮވެމްބަރުގެ އަދަދާއި ގުޅޭ:
" ޓްރައި އެއް ދީބަލަ! " ޒިމްނާ އެދުނެވެ.
މާޔާ ފުންނޭވާއެއް ދޫކޮށްލަމުން ބޯ ޖަހާލިއެވެ.
" ހޭ! އަސްލުތަ؟" ޒިމްނާ އުފާވެރި ރާގަކަށް އެހިއެވެ.
" އާނ! އެކަމަކު ޝަރުޠެއްގެ މަތިން." މާޔާ އެހިއެވެ.
އެ ވަގުތު ޒިމްނާއަށް ދެ ބުމަ އުފުލައިލެވުނެވެ.
" ކޮން ޝަރުޠެއް؟" ޒިމްނާ އަވަސް އަވަހަށް އެހިއެވެ.
" ފުރަތަަމަ ބުނަން ބޭނުންވަނީ ނަޖާ ކައިރި. " މާޔާ ބުންޏެވެ.
އެއާއެކު ޒިންނާ މޫނު ހަދާލިއެވެ.
" އަހަރެން ގާތު ބުނެބަލަ. ޕްލީޒް. ތި ޝަރުޠެއް އަޑުއަހާ ހިތްވެއްޖެ." ޒިމްނާ އާދޭހުގެ ރާގަކަށް ބުންޏެވެ.
އެއާއެކު މާޔާގެ ޚިޔާލު ވެސް ބަދަލުވެއްޖެއެވެ. އޭނާ ބޭނުންވާ ގޮތް، ނަޖާހު ކައިރީ ބުނުމުގެ ކުރިން ޒިމްނާއާ ހިއްސާކޮށްލުމަކީ ރަނގަޅު ކަމެއްކަން މާޔާއަށް ވިސްނުނެވެ.
" އަސްލު މި ވާހަކަތައް ދައްކާ ވަރަށް ވުރެން އަހަރެންގެ ބޮލުގައި އެބަ ރިހޭ. މަންމަ މަތިން މާ ބޮޑަށް ހަނދާންވަނީ. މަންމައަށް މި ވަގުތު އަހަރެން ބޭނުންވާނެ." މާޔާގެ މޫޑު އަނެއްކާ ވެސް ބަދަލުވެއްޖެއެވެ.
ޒިމްނާއަށް ވެސް އެކަމަކާ ދެ ބަހެއް ނުވެވުނެވެ.
" މަންމަ ކައިރިއަށް ވީހާ ވެސް އަވަހަކަށް މާޔާ ދާންޖެހޭނެޔޭ. އެކަމަކު، މަންމައަށް ހިތްވަރު ދެވޭނީ ފުރަތަމަ މާޔާ ވެސް ހިތްވަރުކޮށްގެން. މާޔާ ވެސް ތަޙައްމަލް ތި ކުރަނީ ވަރަށް ހިތްދަތި ދުވަސްތަކެއްކަން އަހަންނަށް އެނގޭ. އަސްލު މާޔާއަށް ވެސް ޙަޔާތުގެ ބައިވެރިޔަކު ވަރަށް މުޙިއްމުވާނެ." ޒިމްނާ ބުނެލިއެވެ.
"ކައިވެންޏާ ހަމައަށް ގޮސް މިގޮތަށް ކަންތައް ވީމަ އަހަރެން އަސްލު، އަދިވެސް ހިތާމަކުރަން. ދެން... އާއިޒްދެކެ އިންތިހާއަށް އަދިވެސް އަހަރެން ލޯބިވޭ. އެހެންވެ، ނަޖާއަށް ދެރައެއް ދެވިދާނެތީ ބިރުގަންނަނީ." މާޔާ ބުންޏެވެ.
" ދެން ބުނެބަލަ ޝަރުޠު." ކެތްތެރިކަން ކުޑަވެފައިވާ ޙާލު ޒިމްނާ އެހިއެވެ.
" ޝަރުޠު ދޯ؟ އެއީ.... އަހަރެން ނަޖާއާ ރައްޓެހިވެގެން އުޅެމުން ފުރަތަަމަ ބޭނުންވަނީ ނަޖާ ދެކެ ލޯބިވެވޭތޯ ބަލަން. ލޯބިވާން އަހަރެން މަސައްކަތް ވެސް ކުރާނަން. އެއީ އަހަރެން މިހާރު އަސްލު ބޭނުންވަނީ އަހަރެންދެކެ ލޯބިވާ މީހެއް." އެހެން ބުނުމަށްފަހު މާޔާ ދުރަށް ނަޒަރު ހިންގާލިއެވެ.
" ހޫމް.. ދެން؟" ޒިމްނާ ބުންޏެވެ.
" ދެން ޝަރުޠު... އެއީ ނަޖާއާ ކައިވެނި ނުކޮށް އުޅެނިކޮށް އުޅެނިކޮށް، އާއިޒް އަނބުރާ އަހަރެންގެ ޙަޔާތަށް އަންނަން ބޭނުން ވެއްޖެނަމަ، އޭރު ވެސް އަހަންނަށް ނަޖާދެކެ ލޯބި ނުވެވޭކަމަށް ވަންޏާ އަހަރެން އާއިޒާ ގުޅޭނަން. އެ ގޮތަށް ރުހެންޏާ އަހަރެން ނަޖާއާ ރައްޓެހިވާނަން. " މާޔާ ކިޔައިދިނެވެ.
ބަސްހުއްޓި، ހައިރާންވެފައި ޒިމްނާއަށް އިނދެވުނީ ދެ ބުމަ ވެސް އުފުލައިގެންނެވެ. މާޔާގެ މޫނަށް ބަލަހައްޓައިގެން އޭނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
" އެއަށް ވުރެ ރަނގަޅުވާނެ މިހާރު ގޮސް ނަޖާ މަރާލިޔަސް." ޒިމްނާ ހިތްހަމަ ނުޖެހުނެވެ.
" ކީއްތަވީ؟ އަހަރެން ބޭނުންވާ ގޮތެއް ދޯ މަ ބުނާނީ." ދެ ކޮނޑު އުފުލައިލަމުން މާޔާ ބުނެލީ ފަސޭހަކަމާއެކުއެވެ.
ޒިމްނާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" މާޔާއަށް އެނގޭތަ އޭރުން ނަޖާއަށް ވާނެ ގޮތް؟" ކަންބޮޑުވެފައި ޒިމްނާ އެހިއެވެ.
" އެނގެޔޭ. އެކަމަކު ޝަރުޠެއްވީމަ، ނަޖާ އޯކޭ ވަންޏާއެއްނު ރައްޓެހި ވެވޭނީ. އެ ގޮތް ބޭނުން ނުވަންޏާ ޝަރުޠަށް އޭނަ އިންކާރު ކުރާނެއެއްނު. " މާޔާ ބުންޏެވެ.
" އަހަންނަށް ޔަޤީން ތި ޝަރުޠަށް އޭނަ އިންކާރު ކުރާނެކަން. އޭނަ މިހާރު ވެސް މާޔާދެކެ އެހާ ލޯބިވޭ. ރައްޓެހިވާ ހިސާބުން ކައިވެންޏަށް އުއްމީދުކުރަން ފަށާނެ. ދެން އަތުން ދޫވާން ބޭނުންވާނެތަ؟" ޒިމްނާ ބުނެލިއެވެ.
" އާއިޒް އަންނާނެކަމެއް އެނގޭތަ؟ އޭގެ ކުރިން އަހަރެން ނަޖާހުދެކެ ލޯބިވެދާނެއެއްނު. އޭރުން ކައިވެނި ވެސް ކުރާނީ." މާޔާ ބުންޏެވެ.
މާޔާގެ އެ ނިންމުމަށް ޒިމްނާ ހިތްހަމަ ނުޖެހުނު ނަމަވެސް، ދެވަނަ ފަހަރަށް އޭނާ އެކަމަށް އިންކާރެއް ނުކުރިއެވެ.
ކޮއްކޮ ގޮވައިގެން ލީނާ އައިސް ގެއަށް ވަނުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ސިޓިންރޫމުގައި އިން ރާޒީއެވެ. ރާޒީއާ ދާދި ގާތުގައި މަންމަ އިންތަން ފެނި ލީނާގެ ހިތް ނުތަނަވަސްވެގެން ދިޔައެވެ. މީގެ ކުރިން ދުވަހަކު ވެސް އެ ގޭތެރެއިން ރާޒީ ފެނިފައެއް ނުވެއެވެ. ލީނާ ބޮޑަށް ބިރުގަތީ އެ ސަބަބަށްޓަކައެވެ.
" ދަރިފުޅުމެން އާދެބަލަ!" ސާދުނާ ގޮވާލީ ލޯތްބާއެކުއެވެ.
ލީނާގެ ކޮއްކޮ އޭރު ހުރީ ސްކޫލް ޔުނީފޯމުގައެވެ. ގްރޭޑް 3ގައި ކިޔަވަމުންދާ ސަމާ ވެސް ހުރީ ވާނުވާ ނޭނގިފައެވެ.
ލީނާ ހުރިފިޔަވަޅުމަތީ ހުއްޓާ، ސަމާ ގޮސް ސާދުނާގެ ކުރިމަތީގައި ހުއްޓުނެވެ.
" މި ބޭބެ ދެން އުޅޭނީ މި ގޭގަ އިނގޭ." ސަމާގެ ބޮލުގައި ފިރުމާލަމުން ސާދުނާ ބުންޏެވެ.
އެއާއެކު ލީނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ގަނޑުވެފައި ކަހަލަ ގޮތަކަށް ލީނާއަށް ހުރެވުނީ ސާދުނާއަށް ބަލާށެވެ.
ހިތުގައި ސުވާލުތަކާއި ޝަކުވާތައް ފުނިޖެހުނު ނަމަވެސް އޭނާގެ ދުލާހަމައަށް އެއްވެސް ބަހެއް ނައެވެ.
" ލީނާ ވެސް މިހާރު ވާނެ މަންމައާމެދު ވިސްނަން. މަންމަ އެކަނިމާއެކަނި އުޅޭތާ އެތައް ދުވަހެއް ވެއްޖެއެއްނު. ސަމާއެކޭ، ލީނާއެކޭ މާޔާއެކޭ ބޭބެއަށް އެއްވެސް ތަފާތެއް ނުވާނެ." ރާޒީގެ އަޑު އިވުމުން ވެސް ލީނާގެ ރުޅިގަނޑު އިތުރު ވެގެން ދިޔައެވެ.
އެއްވެސް ޖަވާބެއް ނުދީ ލީނާ ބާރުބާރަށް ގޮސް ކޮޓަރިއަށް ވަނެވެ. އޭނާ ގޮސް އެނދުމަތީގައި އޮތް ފޯނު ނެގީ މާޔާއަށް ގުޅަން ބޭނުން ވެގެންނެވެ.
" އަހަރެން ކީކޭ ވަކި ބުނާނީ؟ އަހަރެންގެ ބެސްޓްފްރެންޑަށް އެވަރުގެ ބޮޑު ހިތާމައެއް ދީފަ އަހަރެންގެ ދިރިއުޅުން އާބާދުކުރާކަށް އަހަރެން ބޭނުމެއް ނޫން. " ލީނާގެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ.
އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން ވެސް ލީނާއަށް އެނގެއެވެ. ފާޅުގައި އެކަމާ ނުރުހޭ ވާހަކަ ބުންޏަސް، މަންމަގެ ރުޅިވެރިކަން މުޅި އުމުރަށް އޭނާއަށް އޮންނާނެކަން އެނގެއެވެ.
" އެ މަންޖެ ރުޅި އައިސްގެންތަ އެ ދިޔައީ؟" ރާޒީ އެހިއެވެ.
" މާޔާގެ ބައްޕަ ވީމަ، ލީނާއަށް ޤަބޫލުކުރަން އުނދަގޫވާނެ. އަޅާނުލާ! އަހަރެމެން ކައިވެނި ކުރިޔަސް އެ މީހުންނަށް ކޮން ކަމެއް؟ އެ ތިބީ މިހާރު ބޮޑެތިވެފައެއްނު. ދުވަސްކޮޅަކުން މީހަކާ އިނދެގެން އެ މީހުން ވެސް ހިނގައިދާނެ." ސާދުނާ ވާހަކަދެއްކީ ހެވިފައި އިނދެއެވެ.
" އަހަރެންގެ މާޔާގެ އެއްވެސް ހަބަރެއް ނުވެ. މިކަމާހެދި މާޔާ އަހަންނާ ވަރަށް ދުރުވެއްޖެ." ރާޒީ ބުންޏެވެ.
" އެއީ ހަމަ ސުވޭދާ ހައްދާ ގޮތް. ސުވޭދާ ދައްކާ ވާހަކައެއްނު ދަރިން އެ ޤަބޫލު ކުރަނީ. އަހަންނާ އިނަސް އެ މީހުންނަށް އުނިވާނެކަމެއް އޮންނާނެތަ؟" ސާދުނާ ރުޅިވެރި ރާގަކަށް ބުންޏެވެ.
" ނޯންނާނެ. ދެން ރުޅި އަޔަސް ކުރެވޭނެ ކަމެއް ނޯންނާނެ. އަހަރެންގެ އަނތްބެއް މިހާރަކު ނުހުންނާނެ. އަހަރެންގެ ހުރިހާ ވެސް މީހަކަށް ހުރީ މިހާރު ސާދުނާ. ސާދުނާ ކައިރިއަށް އައީމަ އަހަރެން ވިސްނަންޖެހޭ އެއްވެސް ކަމެއް ނޯވެ. ނިކަން ބޯ ހަމަޖެހޭ. ޝަކުވާގެ އަޑެއް ނީވެ. ޒުވާބުކުރާކަށް ނުޖެހޭ." ސާދުނާގެ އަތްމަތީ އަތް ބާއްވާލަމުން ރާޒީ ބުންޏެވެ.
އެއާއެކު ސާދުނާ އުފަލުން ފޮޅިގަތެވެ.
" އަހަރެން ވެސް މި ހުންނަނީ ރާޒީއާ ކައިވެނި ކުރާހިތުން ކެތްމަދުވެފައޭ. އަޅެ ބުނެބަލަ! މިއުޅޭ މީހުންގަނޑު ހާދަ އެއްޗެހި ކިޔާނެޔޭ." ސާދުނާ ބުންޏެވެ.
" ކިޔަސް ހެވޭ! ތިހާ ރީތި މީހަކު އެ މީހުންގެ މަޅިފަތީގައި ނުޖެހުނީމަ ހަސަދަވާނެއެއްނު. ތިހެން އުޅެނިކޮށް މަށަށް ވިއްޔަ މި ކާމިޔާބު ވީ." ރާޒީ ބުނެލީ ފަޚްރުވެރިވެފައެވެ. އޭރު ވެސް ސާދުނާ އިނީ ވަރަށް އުފަލުންނެވެ.
އާއިޒް އޮފީހުން ކެނޑުނު ޚަބަރު ލިބުމާއެކު މާޔާ މުޅިން މާޔޫސް ވެއްޖެއެވެ. ޒިމްނާ އައިސް އެ ހަބަރު ދިން އިރު މާޔާ އިނީ ރަށަށް ދާން ފޮއްޓަށް އެއްޗެހި އަޅާށެވެ.
" ހަމަ އަސްލުވެސްތަ؟ އަޅެ ދެން އަހަންނަށް އޭނަ ނުވެސް ފެންނާނެ." މާޔާއަށް ބުނެވުނެވެ.
" އަހަރެން ކިތައް ފަހަރު ބުނަންވީ ދެން އޭނައާމެދު ނުވިސްނާށޭ. މާޒީ ދޫކޮށްފައި މުސްތަޤްބަލަށް ވިސްނަބަލަ. މާޒީ ފަހަތުން ދުވާހާ ހިނދަކު މާޔާއަކަށް އުފަލެއް ނުލިބޭނެ." ޒިމްނާ ބުންޏެވެ.
މަސައްކަތް ހުއްޓާލުމަށްފަހު މާޔާ މިހާރު އިނީ ފުން ވިސްނުމެއްގެތެރޭގައެވެ.
" ނަޖާހު އެހި ޔޫގެ ވާހަކަ. މަ ބުނިން ރަށަށް ދާން ވެގެން ޗުއްޓީއެއް ނެގިއްޔޭ.. އޭނަ ބުނި މާޔާ ހުރީ ރުޅި އައިސްފަހޯ. މަ ބުނިން ނޫނެކޭ. އަހަރެން ހުރިހާ އެއްޗެއް ކިޔައިދިނީމަ މާޔާ ބުންޏޭ ޝަރުޠެއްގެ މަތިން ރައްޓެހިވެދާނަމޭ. " އެއްނޭވާއިން ޒިމްނާ ހުރިހާ ވާހަކައެއް ދައްކާ ނިންމާލިއެވެ.
" މިހާރު އެހެން ވެސް ބުނެފައިތަ ތި އައީ؟ " މާޔާ އެހިއެވެ.
" އާނ! މަ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ތި ދެ މީހުން ކައިވެނި ކުރާ ދުވަސް. އެހެންވީމަ މަށަށް ކުރެވުނު އަވަހެއް ކުރާނެ ދޯ." އެނދުމަތީ އޮށޯވެލަމުން ޒިމްނާ ބުނެލިއެވެ.
" އެކަމަކު މަ ރަށަށް ގޮސް އަންނަންދެން މަޑުކުރި ނަމަ. މިރޭ ވީ ދެން އޭނައާ މީޓް ކުރަން ދާން؟" މާޔާ ފޫހިކަމާއެކު ބުނެލިއެވެ.
" އާނ! މަ ބުނިން ކަލެއަށް ގުޅާށޭ." ޒިމްނާ ބުނެލިއެވެ.
އޭރު މާޔާ އިނީ ވަރުބަލި ގޮތަކަށް ޒިމްނާގެ މޫނަށް ބަލަހައްޓައިގެންނެވެ.
ސުވޭދާ އިނީ ފިރާޝާއާއެކު ފިރާޝާގެ ކޮޓަރީގައެވެ. ފިރާޝާގެ މޫނުމަތިން މާޔޫސްކަން ފެނުނު ނަމަވެސް ސުވޭދާ އިނީ ވަރަށް ބޮޑަށް ހަމަޖެހިލާފައެވެ.
" މިއީ އަހަރެން ވެސް މަސައްކަތްކޮށްގެން ރޭނި ގެ އެއް. އަހަރެންގެ މަސައްކަތް މިތާ ވަކި މަދެއް ނުވާނެ. އަހަރެން ނުޖެހޭނެ މި ގެއިން ނިކުންނާކަށް. " ސުވޭދާ ބުނެލިއެވެ.
" މަންމާ! ބައްޕަ ބުނީ މަންމަ ނުނެރޭނަމޭ. ބައްޕަ އެ ގެއަށް ދާ ވާހަކަ ބުނީ." މާޒިންގެ ޖުމްލައިން ހިތަށް ތަދުވީ ނަމަވެސް، ސުވޭދާ ބޭނުންވީ ހިތްވަރު ދައްކާށެވެ.
" އުޅެވުނިއްޔާ މަ ބުނާނަން ސާބަހޭ. ހަމަ ގައިމު ވެސް އެނބުރި އޭނަ އައިސްގެން ދަރިފުޅުމެން އޭނަ މި ގެއަށް ވެއްދިއްޔާ މަންމަ ނިކުންނާނަން މި ތަނުން. މިހާރު މި ރަށުގައި އުޅޭކަށް ވެސް ބޭނުމެއް ނޫން. " ސުވޭދާ މާޒިންއަށް ބަލައިލަމުން ބުންޏެވެ.
" މާދަމާ ކޮއްކޮ ވެސް އެބަ އާދޭ. " މާޒިން ބުންޏެވެ.
" މާޔާއާއެކު މަންމަ ދާނީ މާލެ." އަވަސް އަވަހަށް ސުވޭދާ ބުނެލިއެވެ.
" ކޮއްކޮ މީހަކާ އިނީމައެއްނު މަންމައަށް ދެވޭނީ. މިހާރު ވެސް އެ އުޅެނީ ރައްޓެއްސަކާއެކު." މާޒިން ބުންޏެވެ.
ގޯޅި އަޅާލުމާއެކު ނަޖާހުގެ ލޮލުގައި އަޅައިގަތީ ދުވާރުމަތީގައި ހުރި މާޔާއެވެ. އޭނާގެ އިންތިޒާރުގައި މާޔާ ހުރިތަން ފެނުމުން ވެސް ނަޖާހުގެ ހިތަށް ފިނިވެގެން ދިޔައެވެ. މަޑު ދުވެއްޔެއްގައި ގޮސް މާޔާއާ ދާދި ކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު ސިހިފައި މާޔާ ބަލައިލިއެވެ. ހިނިތުންވާން ވެސް ނޭނގި ލަދުގެންފައި ހުރި ނަޖާހުގެ ނަޒަރު ހުރީ މާޔާގެ މޫނަށް ހުއްޓިފައެވެ.
" އަރަންވީ؟" މާޔާ އެހިއެވެ.
އެހެން ދުވަސްތަކާ ޚިލާފަށް މިއަދު މާޔާގެ ހިތުގައި ވެސް ލަދުވެތިކަމެއްވާކަން މާޔާއަށް އިޙްސާސް ކުރެވުނެވެ. މީގެކުރިން އެކުވެރިއެއްގެ ގޮތުގައި ދެކެމުން އައި ނަޖާހުގެ ހިތުގައި އޭނާއާމެދު ވަރުަގަދަ ލޯތްބެއް އުފެދިފައިވާކަން އެނގުމުން މާޔާގެ ހިތަށް ހުރީ އުނދަގޫވެފައެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!