ކުލަގަދަ ރަސްމިއްޔާތަކާއެކު މަންހަޓަން ގްރޭންޑް ހޮޓެލް ހުޅުވައިފިއެވެ.

ހުޅުމާލޭގައި އެސްޓީއޯ ސިޓީ ހޮޓާ ހުރި ބިމުގައި ތަރައްޤީކުރި މި ހޮޓާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެތަން ހުޅުވައިދެއްވީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރެވެ. މިތަން ހުޅުވުމުގެ މުނާސަބަތުގައި ހަވާއެރުވުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Ad
rt

ހުޅުމާލެ ފޭސް 1 ގެ ކޮޅުގައި، ވެމްކޯ ސަރަހައްދު ކައިރީގައި ހުޅުވާފައިވާ މިތަނަކީ މިހާތަނަށް މާލެ ސަރަޙައްދުގައި ހުޅުވި އެންމެ ބޮޑު ހޮޓަލެވެ. ފަސްތަރީގެ ފެންވަރަށް ތަރައްގީކޮށްފައިވާ މި ހޮޓަލަކީ 162 ކޮޓަރި ހިމެނޭ ތަނެކެވެ. އަދި ގިނަ ޚިދުމަތްތަކެއް ލިބޭ މި ތަނަކީ، 4 ރެސްޓޯރަންޓާއެކު ޚިދުމަތދޭ ތަނެއް ކަމަށް އެ ހޮޓަލުން ބުނެއެވެ.

އެ ހޮޓަލުގައި 162 ކޮޓަރި ހުރިއިރު، އަށް ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. އޭގެ ތެރޭގައި ސްޓޭންޑަޑް ކިންގް ސިޓީ ވިއު، ސްޓޭންޑަޑް ކިންގް ޕާޝަލް ސީ ވިއު، ސްޓޭންޑަޑް ޓްވިން ޕާޝަލް ސީ ވިއު، ސްޓޭންޑަޑް ކިންގް ސީ ވިއު، ސްޓޭންޑަޑް ޓްވިން ސީ ވިއު، ޑިލަކްސް ސިޓީ ވިއު، ޑިލަކްސް ސީ ވިއު އަދި ޖޫނިއާ ސުއިޓް ހިމެނެއެވެ. ގުދުރަތީ އަލިކަން ލިބޭ ބޮޑެތި ކުޑަދޮރުތައް ހުންނަ މި ކޮޓަރިތަކުން ކަނޑުގެ މަންޒަރު ނުވަތަ ސިޓީގެ މަންޒަރު ފެންނާނެ ކަމަށް އެ ހޮޓެލުން ބުނެފައިވެއެވެ.

ތަފާތު އިވެންޓްތަކާއި ޖަލްސާތައް ބޭއްވުމަށް ހާއްސަކޮށްގެން ޖާގަ ތަނަވަސް މާލަންތައް ވެސް މަންހަޓަންގައި ހިމެނެއެވެ. އެގޮތުން ކޮންފަރެންސްތަކާއި، ކައިވެނި ޕާޓީތަކާއި، އެކި ހަފުލާތައް ބޭއްވުމަށް 700 އަކަމީޓަރުގެ ޖާގައިގެ ދެ ޓެރަސް އިވެންޓް ހޯލާއި، މީޓިން ރޫމްތަކުގެ އިތުރުން ޒަމާނީ އޯޑިއޯވިޝުއަލް ވަސީލަތްތައް އެ ހޮޓެލްގައި ޤާއިމުކޮށްފައިވެއެވެ. މީގެއިތުރުން، ސްވިމިންގ ޕޫލާއި ބައިނަލްއަގްވާމީ ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑާއި، ޖިމާއި ސްޕާ އަދި ވެލްނަސް ޚިދުމަތްތައް ވެސް އެ ތަނުގައި ލިބެން ހުރިކަން ފާހަގަކޮށްލެވެއެވެ. ހަތަރު ރެސްޓޯރަންޓްގެ ތެރޭގައި ހޮޓަލުގެ ހާއްސަ "ވޯލްޑް އޮފް ސީފުޑް" ކޮންސެޕްޓގެ ދަށުން ތާޒާ ކަނޑުމަހުގެ ބާވަތައް ލިބޭ އިންތިޒާމު ހިމެނެއެވެ.

އެ ހޮޓަލުގެ މަސައްކަތް އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުނި ކަމަށްވާ ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް މަސައްކަތް ފަށާފައިވަނީ، އެ މަސައްކަތް ކުރިން ހަވާލުވެފައި އޮތް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އާއެކު ސެޓމެންޓ އެގްރީމެންޓަކަށް ދިއުމަށްފަހުއެވެ. އެތަން ވޯލްޑް އޮފް ބިޒްނަސްއާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ކުރީކޮޅުގައެވެ. އެސްޓީއޯއިން ސިޓީ ހޮޓެލެއް ހެދުމަށް 2008 ވަނަ އަހަރު އެމެރިކާގެ ކުންފުންޏަކާއެކު ސޮއިކުރި ނަމަވެސް، އެ ކުންފުންޏަށް އަމަލީ މަސައްކަތް ފެށިފައިވަނީ ވެސް އޭގެ ދެ އަހަރު ފަހުންނެވެ. އެއަށްފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން އެ މަސައްކަތް ކުރިއަށްނުގޮސް، ގިނަ ލަސްތަކެއް ކުރިމަތިވެފައިވެއެވެ.

ވޯލްޑް އޮފް ބިޒްނަސްއިން މެންހަޓަން ގްރޭންޑް ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 އަކަޕަސަންޓް ފޮރިން އިންވެސްޓްމަންޓާއެކުއެވެ. އެ މަޝްރޫއަށް އިންވެސްޓްކުރަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ. މީގެ އިތުރުން 12 އެއަރލައިނެއް މި ހޮޓަލާއެކު އެގްރިމަންޓް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ދައުރެއް އަދާކުރާނެ ތަނެއް ކަމަށް ބެލެވެއެވެ.