އީރާނާ ދެކޮޅަށް އަލުން އަސްކަރީ ފިޔަވަޅުތައް އެޅުމަށް ބާރުއަޅައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކޮންމެ ދުވަހަކުހެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅަމުންދާ ކަމަށް ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކުރުމަށް ޑިޕްލޮމެޓިކް ފެންވަރުގައި މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި ވެސް، ނަތަންޔާހޫ ދަނީ ހަނގުރާމަ އަލުން ފެށުމަށް ޓްރަމްޕަށް ބާރުއަޅަމުންނެވެ.
މި މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ހަނގުރާމަ އަލުން ފެށުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކު ވެސް ޓްރަމްޕަށް ގުޅަމުންދާ ކަމަށެވެ. ނަމަވެސް، ވައިޓް ހައުސްގެ އެތެރެއާއި ބޭރުގައި ތިބި އަލުން ހަނގުރާމަ ފެށުމާ ދެކޮޅު ފަރާތްތަކުން ދަނީ ނަތަންޔާހޫ ކުރާ ޕްރެޝަރާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އަދި ސަރަހައްދީ ލީޑަރުން ޓްރަމްޕަށް ލަފާއަރުވަމުން ދަނީ ހަމަނުޖެހުންތައް އިތުރަށް ބޮޑު ނުކޮށް، މަޝްވަރާތަކަށް އިސްކަން ދިނުމަށެވެ. އިޒްރޭލުގެ މަސްރަހު ދަންނަ އެހެން ފަރާތަކުން ބުނި ގޮތުގައި، އަސްކަރީ ފިޔަވަޅުތައް އަލުން ފަށަން ނަތަންޔާހޫ ބޭނުންވި ނަމަވެސް، ޓްރަމްޕަށް އެކަމުގައި ވިސްނައިދިނުމަށް އިންތިޒާމުވެގެން ކުރިއަށްގެންދާ ވަކި ހަރަކާތެއް މިވަގުތު ނެތެވެ. އެހެން ނަމަވެސް، ނަތަންޔާހޫގެ މި އަމަލުތަކުގެ ސަބަބުން އަރަބި އަދި މުސްލިމް ގައުމުތަކުގެ ވެރިން ތިއްބެވީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.
ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވީ ގަލްފުގެ ބައިވެރިން ތެހެރާނާ ދެކޮޅަށް އާ އަސްކަރީ ހަރަކާތެއް ހިންގުމާ ދެކޮޅު ކަމަށެވެ. ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން އަލްޘާނީއާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ޓްރޫތު ސޯޝަލްގައި ޓްރަމްޕް ލިޔުއްވި ގޮތުގައި ގަތަރު، ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރައިން، ކުވެއިތު އަދި އެހެން ގައުމުތަކުން ވެސް އިސްކަންދެނީ މިހާރު އޮތް ހާލަތު ދެމެހެއްޓުމަށެވެ. އަދި ގާތްގަނޑަކަށް ނުވަ މަސް ދުވަސްވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް "އެދެވޭ ކުރިއެރުމެއް" ފެންނަމުންދާ ކަމަށާއި، އީރާނަށް އެމެރިކާއިން އަލުން ހަމަލާތައް ދިނުމަކީ ވުން ވަރަށް ދުރު ކަމެއް ކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
އިޒްރޭލުގައި މިދިޔަ މަހު ބޭއްވި އިންތިހާބުގައި އެއްވެސް ބަޔަކަށް ސާފު އަޣުލަބިއްޔަތެއް ނުލިބުމުން ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ހުންނެވި ނަތަންޔާހޫ ބޭނުންވަނީ އީރާނުގެ ސަރުކާރު ވައްޓާލުމަށް އަމާޒުކޮށް، އެމެރިކާ އާއި އިޒްރޭލު ގުޅިގެން އަލުން ހަމަލާތައް ދިނުމަށެވެ. އެހެން ނަމަވެސް، ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އަދި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލްޘާނީ ފާއިތުވި ދުވަސްތަކުގައި ޓްރަމްޕާ ވާހަކަދައްކަވައި، މަޝްވަރާއަށް އިތުރު ވަގުތު ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. އަލުން ހަނގުރާމަ ފެށިއްޖެނަމަ މުޅި މެދުއިރުމަތީގެ ހަމަޖެހުން އިތުރަށް ގެއްލި، އީރާނުން ދޭ ރައްދު ވަރުގަދަވެދާނެ ކަމުގެ ބިރު ސަރަހައްދީ ލީޑަރުންނަށް އެބައޮތެވެ.
މި ދަނޑިވަޅުގައި އީރާނުން ވަނީ އަލުން ދެވޭ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށާއި، މި ހަމަނުޖެހުން މެދުއިރުމަތިން ބޭރަށް ވެސް ފުޅާކޮށްލެވިދާނެ ކަމުގެ އިންޒާރު ދީފައެވެ. ދެފަރާތުގެ ދެމެދުގައި ވަގުތީ އެއްބަސްވުމަކަށް އައުމަށް މެދުވެރިން ދަނީ ހަފުތާތަކެއް ވަންދެން މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު މަޝްވަރާ ކުރެވެމުންދަނީ ސެޕްޓެމްބަރު މަހު އީރާނުން ހުށަހެޅި އަދި ކުރިން ޓްރަމްޕް ދެކޮޅު ހެއްދެވި ހަތް ދުވަހުގެ ޕްލޭނެއްގެ މައްޗަށެވެ. މީގެއިތުރުން، ފިނިކޮށްފައިވާ އީރާނުގެ 8 ބިލިއަން ޑޮލަރު ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވާހަކަދެކެވޭ ކަމަށް ފެތުރިފައިވާ އަޑުތައް އީރާނުގެ އޮފިޝަލަކު ވަނީ ފާރސް ނިއުސް އެޖެންސީއަށް ދޮގުކޮށްފައެވެ. އެ އޮފިޝަލް ބުނީ މަޝްވަރާ ކުރެވޭނީ ކަނޑުގެ ބްލޮކޭޑް އުވާލުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމާއި ހަނގުރާމަ ހުއްޓާލުން ހިމެނޭހެން އީރާނުން ހުށަހެޅި ހަތް ޝަރުތުގެ އިމުގެ ތެރޭގައި އެކަނި ކަމަށެވެ.
ގަތަރުގެ ބޮޑުވަޒީރު، ޓްރަމްޕާއި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއާ އެކު ވަކިވަކިން ބޭއްވެވި މަޝްވަރާތަކުގައި އީރާނުގެ މައްސަލައިގައި ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ. އަދި މި މަޝްވަރާތަކުގެ މަގުސަދަކީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު ހުރި ހިޔާލުތަފާތުވުންތައް ކުޑަކުރުން ކަމަށް ޑިޕްލޮމެޓިކް ފަރާތްތަކުން ބުނެއެވެ. އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ހަމަލާތައް ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 28 ގައެވެ. އޭގެ ފަހުން ޖޫން މަހު ހަމަލާތައް ހުއްޓާލުމަށް ފަހުމުނާމާއެއް އެކުލަވާލި ނަމަވެސް، ސިޔާސީ ގޮތުން ކުރެވުނު މަސައްކަތްތައް ހުއްޓުމަކަށް އައުމާ ގުޅިގެން ހަނގުރާމަ އަލުން ވަނީ ފެށިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!