ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން އިސްނަގައިގެން ޤައުމީ ފެތުމުގެ ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

Ad
rt

"މޯލްޑިވްސް ސްވިމް ފޮރ ޑައެބެޓިސް" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 ނޮވެމްބަރު 11 ވާ ބުދަ ދުވަހުގެ ހެނދުނު 7:00 ގައެވެ. މި ހަރަކާތް އޮންނާނީ ކުޅުދުއްފުށީ ރަށްމަތިފަންނު އުތުރު ސަރަޙައްދުގައެވެ.

ކޭއާރްއެޗުން މަޢުލޫމާތު ދިން ގޮތުގައި، މި އިވެންޓުގައި ފެތުމުގެ އިތުރުން ހަކުރުބައްޔާ ބެހޭ ގޮތުން ޢާންމުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މި ހަރަކާތުގެ ތެރެއިން ޚާއްޞަ ކަމެއްގެ ގޮތުގައި ހަކުރުބަލީގެ ރަމްޒީ ލޯގޯގެ ބައްޓަމަށް ބައިވެރިން އެތުރިގެން ފޮޓޯ ނެގުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

މި ހަރަކާތުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން ވެސް ނޫ ކުލައިގެ ހެދުމެއް އެޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ހަކުރުބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މި "މޯލްޑިވްސް ސްވިމް ފޮރ ޑައެބެޓިސް" ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވުމަށް އެދި، ކުޅުދުއްފުށީގެ އެންމެހާ ރައްޔިތުންނަށް ކޭއާރްއެޗުން ވަނީ ދަޢުވަތު އަރުވާފައެވެ.