ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އެ އުޅަނދުގެ ކެޕްޓަނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާގައި ފިހިގެން ފަރުވާދެމުން ދަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

Ad
rt

ފުލުހުން މިއަދު ބުނީ، މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 03:00 އެހައިކަންހާއިރު ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ނޮވެމްބަރު 10 ވަނަ ދުވަހުގެ ފަތިހު 05:30 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހުރީ ކެޕްޓަން އެކަންޏެވެ. އަލިފާނުގެ ސަބަބުން ކެޕްޓަނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭނާގެ ކަރާއި މޭމަތި ވަނީ ފިހިފައެވެ.

އަނިޔާވި ކެޕްޓަނަށް މިހާރު ގެންދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި ލޯންޗުގައި ރޯވި އަލިފާނުގެ ސަބަބުން އެ އުޅަނދަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާއިރު، ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.