ލ. ކުނަހަންދޫގެ މަގުމައްޗަށާއި ރަށުގެ އެކި ސަރަހައްދުތަކަށް ދޫކޮށްލައިގެން ކުކުޅާއި ހާ އަދި އެހެނިހެން ދޫނިސޫފާސޫފި ގެންގުޅުން ހުއްޓާލައި، އެ ތަކެތި ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ.

ކައުންސިލުން މިކަން އަންގާފައިވަނީ ރަށުތެރޭގައި އާންމުންނަށް އުނދަގޫވާ ގޮތަށް ހުރި ކަންކަން ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

Ad
rt

ކުނަހަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވަނީ، ރަށުގެ އެކި ސަރަހައްދުތަކަށް ދޫކޮށްލައިގެންނާއި ގޭގޭގައި ކުކުޅާއި ހާ އަދި ދޫނިސޫފާސޫފި ގެންގުޅޭ ފަރާތްތަކުން 30 ނޮވެމްބަރު 2026 ގެ ކުރިން އެ ތަކެތި ހިފައި، ދޫނިސޫފާސޫފި ގެންގުޅުމުގެ ގަވާއިދާ އެއްގޮތަށް ކަންކަން އިސްލާހު ކުރަންޖެހޭނެ ކަމަށެވެ.

މަގުމައްޗަށް މިފަދަ ތަކެތި ދޫކޮށްލައިގެން ގެންގުޅުމަކީ ސަރުކާރުގެ ގެޒެޓުގައި 31 ޑިސެމްބަރު 2013 ގައި ޝާއިއުކޮށްފައިވާ އާންމު އުނދަގުލާ ބެހޭ ގަވާއިދާއި އަދި ހަމަ އެ ތާރީޚުގައި ޝާއިއުކޮށްފައިވާ ދޫނިސޫފާސޫފި ގެންގުޅުމާ ބެހޭ ގަވާއިދާ (ނަންބަރު: 2013/R-2024) ވެސް ޚިލާފު ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.

މީގެއިތުރުން، މިގޮތަށް ދޫނިސޫފާސޫފި ދޫކޮށްލައިގެން ގެންގުޅުމުގެ ސަބަބުން ބަލިމަޑުކަން އިތުރުވެ، ރަށުގެ އާންމު ސާފުތާހިރުކަން ގެއްލެމުންދާ ކަމަށް ވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލައަކީ މީގެ ކުރިން ވެސް އެތައް ފަހަރަކު ކައުންސިލުން އާންމުކޮށް އިއުލާނުކޮށްފައިވާ ކަމެއް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ދޫނިސޫފާސޫފީގެ އިތުރުން، އަވަށްޓެހިންނަށް އުނދަގޫވާ ގޮތަށް ހުންނަ އެހެން ބައެއް ކަންކަން ހައްލުކުރުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ޖެހިގެން ހުންނަ ގެއަށް އުނދަގޫވާ ގޮތަށް އެއްގެއިން އަނެއް ގެޔަށް ގޮސްފައިވާ ފުރާޅުގެ ބައިތަކާއި، ރުއްގަހުގެ ބައިތައް ކޮށައި ސާފުކުރުމަށާއި، މަގުމައްޗަށާއި ޖެހިގެން ހުންނަ ގޭގޭގެ ގޯތިތެރެއަށް ވާ ގޮތަށް ޖަންކްޝަންތަކުން ފެން ހިންދަމުންދާ ފަރާތްތަކުން އެކަންކަން އިސްލާހުކުރުމަށް ވެސް ވަނީ އަންގާފައެވެ.

ކުނަހަންދޫ ކައުންސިލުން ބުނީ، ދީފައިވާ މުއްދަތު ކަމަށްވާ 30 ނޮވެމްބަރުގެ ކުރިން މި ކަންކަން އިސްލާހު ނުކޮށްފިނަމަ، ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން ރަށުގެ އެކި ސަރަހައްދުތަކުގައި އުޅޭ ކުކުޅާއި ހާމެދު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލުކުރަމުން ގެންދާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.