އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގައި ކިޔަވައިދޭ ޤައުމިއްޔަތު މާއްދާއަށް ބައެއް ބަދަލުތައް ގެނެސް، އަޚުލާގުގެ ބައި އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

"އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ އަހަރު ކަމަށްވާ 2024 ވަނަ އަހަރުން ފެށިގެން އެކި ކީ ސްޓޭޖްތަކަށް ޤައުމިއްޔަތު މާއްދާ ތަޢާރަފުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އަހަރު ކީ ސްޓޭޖް އެކެއް އަދި ދޭކަށް މި މާއްދާ ތަޢާރަފުކުރި ނަމަވެސް، މިހާރު ކީ ސްޓޭޖް ތިނަކާ ހަމައަށް އެ ޕްރޮގްރާމް ފުޅާކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad
rt

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މާއްދާ ކިޔަވައިދިނުމުގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އަންނަ އަހަރު ބައެއް ބަދަލުތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

"މި އަހަރުގެ މަޖިލީހުގެ ހުޅުވުމުގެ ޖަލްސާގައި އިއްޒަތްތެރި ރައީސް ވަރަށް މުހިންމު ކަމަކަށް އަލިއަޅުވާލެއްވި. އެއީ ރާއްޖޭގައި އަޅުގަނޑުމެންގެ ކާބައިންގެ ފަރާތުން އަޅުގަނޑުމެން ވާރުތަކޮށްފައިވާ ރިވެތި އާދަތައް އަޅުގަނޑުމެންގެ މުހިންމު ބަހާތައް ހިމެނޭ ގޮތަށް އަޅުގަނޑުމެން ވާނީ ބިންގާ ޕްރޮގްރާމެއްވެސް ފައްޓަވާފައި،" ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސްކޫލްތަކުގައި މިހާރު ކުރިއަށްދާ "ބިންގާ" ޕްރޮގްރާމް ހިންގަމުންދަނީ ކޮންމެ މަހަކަށް ވަކި ޚާއްޞަ ތީމެއް ކަނޑައަޅައިގެންނެވެ. އެ ގޮތުން ރާއްޖޭގެ 200 ސްކޫލެއްގައި 15،700 އަށްވުރެ ގިނަ ހަރަކާތް މިހާތަނަށް ކުރިއަށްގެންގޮސްފައިވާއިރު، އެ ހަރަކާތްތަކުގައި ގާތްގަނޑަކަށް 100،000 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޤައުމިއްޔަތު މާއްދާގެ ތެރެއަށް ދިވެހި ކާބަފައިންގެ ވާހަކަތަކާއި، ޤައުމުގެ މުހިންމު ބަހާތައް ހިމެނުމަށް ވަނީ ރޭވިފައެވެ. އަދި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އަޚުލާގާއި ސުލޫކު އެ މާއްދާގެ ތެރެއަށް އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމިއްޔަތު މާއްދާއަކީ ކުޑަކުދިންގެ ހިތްތަކުގައި ޤައުމާއި ދިވެހި ސަގާފަތަށް ލޯބި ޖެއްސުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެގުމުގެ ދަށުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ޝުޢޫރު އާލާކޮށް، ދިވެހިވަންތަކަން އަށަގަނެފައިވާ، ޤައުމުދެކެ ލޯބިވާ އަދި ޤައުމާމެދު ވިސްނައި ފަޚުރުވެރިވާ ދަރިންތަކެއް މުޖުތަމަޢަށް ނެރުމެވެ.