Ad
rt

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެކަންތައް ކަމަށާއި، ކުދި ޤައުމުތަކުގެ ރައްޔިތުންނާއި ޤައުމުގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި އެ ޤައުމުތައް ދަރަނިވެރިވާން މަޖުބޫރުވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފަދަ ޤައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތުން އަރައިގަތުމަށްޓަކައި، މާލީ ގޮތުން ބުރައަކަށް ނުވާނެ ފަދަ އެކަށީގެންވާ ކްލައިމެޓް ފައިނޭންސިންގ ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ލީޑާސް ސަމިޓުގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ރައުންޑްޓޭބަލް އޮން ދަ ސެކަންޑް ޑިކޭޑް އޮފް ދަ ޕެރިސް އެގްރީމަންޓް: އެކްސެލެރޭޓިންގ އިމްޕްލިމެންޓޭޝަން އެންޑް އެކްސެސް ޓު ފައިނޭންސް" ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކާއި ގޮންޖެހުންތަކަކީ ވަރަށް ސާފުކޮށް ފެންނަން ހުރި ޙަޤީޤަތްތަކެއް ކަމަށެވެ. އެގޮތުން ރާއްޖެއިން ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި މޫސުމީ ވިލުންތެރިކަން ކަށަވަރުކުރެވޭނެ މާލީ ގޮތުން ހަރުދަނާ މަޝްރޫޢުތައް އެކުލަވާލައި، މޫސުމީ ވިލުންތެރިކަމަކީ ތަރައްޤީގެ މުހިންމު އަމާޒެއްގެ ގޮތުގައި ކަނޑައަޅައި، ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި އެކަމަށް ވަކާލާތުކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، މިފަދަ ނިޒާމުތައް އެދެވޭ ގޮތެއްގައި ކާމިޔާބުކަމާއެކު ހިންގުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ފުރުޞަތުތައް އިންތިހާއަށް ހަނިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުން މިފަދަ މަޝްރޫޢުތައް ހިންގައި، ރައްޔިތުންނާއި ޤައުމުގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި ދަރަނިވެރިވުމަށް މަޖުބޫރުކުރުވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުދި ޤައުމުތަކަށް ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތައް ޙައްލުކުރުމަކީ އެ ޤައުމުތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ރައީސް ވަނީ މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކްލައިމެޓް ފައިނޭންސިންގ ވާންވާނީ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަމާއި މާލީ ދަތިތަކަށް އެކަށީގެންވާ ޙައްލެއް ހޯދޭނެ ފަދަ ނިޒާމަކަށެވެ. އަދި ހުރިހާ ކުދި ޤައުމުތަކަކީ އެއް ހަމައެއްގައި އޮތް ބައެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށާއި، ޤައުމެއްގެ ނާޒުކުކަން ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ އެ ޤައުމެއްގެ އިޤްތިޞާދީ ޙާލަތު ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމީ މައްސަލަތަކަށް ޙައްލު ހޯދުމުގައި އެންޓީގާ އެންޑް ބާބިއުޑާގެ އުސޫލުތައް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޫސުމީ ބަދަލުތަކަށް ވިލުންތެރި ނިޒާމުތައް ޤާއިމުކުރުމާއި، މޫސުމަށް ހޭނުމަށް ބޭނުންވާ ފައިސާ ހިމެނޭހެން ލުއި އަދި އެކަށީގެންވާ މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތުތައް ފަހިކުރުން މުހިންމު ކަމަށެވެ. މީގެއިތުރުން ދެމެހެއްޓެނިވި ތަރައްޤީއަށާއި މޫސުމީ ވިލުންތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ބައިނަލްއަޤްވާމީ އެހީތެރިކަން އިތުރަށް ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެފަދަ ކަންކަން ފަހިކުރުމަށް އެކުލަވާލާފައިވާ "ބްރިޖް އިނީޝިއޭޓިވް"އަށް އެމަނިކުފާނު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޕެރިސް އެގްރީމަންޓް އެކުލަވާލުމަށް ވިހި އަހަރު ވެފައިވާކަން ފާހަގަކުރައްވައި، އެ އެއްބަސްވުން އެކުލަވާލެވުނުއިރު އެއްބަސްވެވުނު އަސާސްތައް ނެގެހެއްޓުމުގައި ޤައުމުތަކުން ދެމިތިބުމަށް ގޮވާލައްވަމުންނެވެ. އަދި ބައިނަލްއަޤްވާމީ ލީޑަރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވަންޖެހޭނެ ކަމަށާއި، އެފަދަ ފަރާތްތަކުގެ ދައުރު މިނެކިރޭނީ މިފަދަ ޙާލަތްތަކުގައި އެންމެ ނިކަމެތި ފަރާތްތަކުގެ ޙައްޤުގައި ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.