ގާޒާއަށް ކުރަމުންދާ ބޯވިއްސާރައިގެ ސަބަބުން، އެކި ސަރަޙައްދުތަކުގައި ހިޔާވަހިކަން ހޯދަމުންދާ ޢާންމުންގެ ޓެންޓުތަކާއި ވަގުތީ ހިޔާތައް ފެންވަދެ، ދިހަ ހާހެއްހާ މީހުންގެ ބޯ ހިޔާވަހިކަން ގެއްލިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އާދީއްތަ ދުވަހު އުތުރު ޣައްޒާގެ ޣައްޒާ ސިޓީން ހާމަކޮށްފައިވާ ގޮތުގައި ފަލަސްޠީ މީހުން ދިރިއުޅެން މަޖުބޫރުވެފައިވާ ވަގުތީ ޓެންޓުތަކަކީ ނުރައްކާތެރި މޫސުމުން ރައްކާތެރިކަން ހޯދައިދޭ ފަދަ ތަކެއްޗެއް ނޫނެވެ.

Ad
rt

"އެންމެ ފަހުން ކުރި ވިއްސާރައިން ހާމަވެގެންދިޔައީ ލިބިފައިވާ ރައްކާތެރިކަން ކިހާ މިންވަރަކަށް ނާޒުކުކަން. އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ބޯކޮށް ވާރެވެހި ބާރު ވައިގެ ސަބަބުން ޢާއިލާތަކުން ދުވަސްތަކެއް ވަންދެން ވަރުގަދަކުރަން މަސައްކަތްކުރި ޓެންޓުތައް ވަނީ ހަލުވައިލާފައި،" ޣައްޒާގައި ހުންނަ އަލްޖަޒީރާގެ ނޫސްވެރިއަކު ބުނެފަވެއެވެ.

އޭނާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން ބާލީހާއި، ގޮދަޑިއާއު އެނދުގެ ބާލީހާއި، ފޮތްތަކާއި ހެދުންތައް ވަނީ ތެމިފައެވެ. އަދި ގާތްގަނޑަކަށް 400،000 ދަތުރުވެރިން ނުވަތަ ހަމަޖެހިފައިވާ ތަނެއް ނެތް މީހުން ތިބީ ފެންބޮޑުވުމުގެ ނުރައްކާ ބޮޑު ސަރަޙައްދުތަކުގައި ކަމަށް އޭނާ ފާހަގަކުރިއެވެ.

ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ފަހުން ކުރަމުންދާ ވިއްސާރައާއި ބާރު ވައިގެ ސަބަބުން 70،000 ޓެންޓުގައި ފެންބޮޑުވެ، ގިނަ ފާރުތަކެއްވެސް ވަނީ ވެއްޓިފައެވެ.

މި ވިއްސާރައިގެ ސަބަބުން ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވެފައިވަނީ، އިސްރާއީލުން ހަނގުރާމައިން ހަލާކުވެފައިވާ އެ ސަރަޙައްދަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްތައް ކުރިމަތޮށްފައިވާ ދަނޑިވަޅެއްގައެވެ.

މެދުތެރެ ޣައްޒާގެ ދައިރު އަލް-ބަލަޙުން މަޢުލޫމާތު ދެމުން އަލްޖަޒީރާގެ ނޫސްވެރިޔާ އަޝްރަފް އަބޫ ޢަމްރާ ބުނީ، ޓެންޓުތަކުގައި ފެންބޮޑުވި ޢާއިލާތަކަށް ހޮނިހިރު ދުވަހުގެ ފަތިހުން ފެށިގެން ކާބޯތަކެތީގެ އެހީ ލިބިފައި ނުވާ ކަމަށެވެ.

ފަލަސްޠީނުގައި ހުންނަ ޔުނިސެފްގެ ޚާއްޞަ މަންދޫބު ޖޮނަތަން ވީޗް ވިދާޅުވީ، ގިނަ މީހުން ދިރިއުޅެމުންދަނީ " ނުހަނު ނުރައްކާތެރި ޙާލަތެއްގައި" ކަމަށާއި، ނުހަނު ބޭނުންވެފައިވާ އެހީ ފޯރުކޮށްދިނުމަށް އިތުރު ފައިސާ ބޭނުންވާކަމަށް އޭނާ ގޮވައިލައްވާފައިވެއެވެ.

މި ތޫފާނުގެ ސަބަބުން 3 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ރިޕޯޓުކުރެއެވެ. ނަމަވެސް އެހީދޭ ޖަމްޢިއްޔާތަކަށް ވަނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި އަހަރުތަކެއް ވަންދެން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.

ޣައްޒާގެ ސިވިލް ޑިފެންސަށް މަދުވެގެން 1،500 ކުއްލި މެސެޖު ލިބިފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. އަދި 2،000 އަށްވުރެ ގިނަ އިމާރާތް ވެއްޓުމުގެ ނުރައްކާ އޮތްކަމަށާއި، މޫސުމީ ޙާލަތުގެ ސަބަބުން ހާލުގައިޖެހިފައިވާ މީހުންނަށް އެކަށީގެންވާ ހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް މަދުވެގެން 300،000 ޓެންޓު ބޭނުންވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އޮކްޓޯބަރު 7، 2023 ގައި ފެށި މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ގެދޮރާއި އިންފްރާސްޓްރަކްޗަރ ވަނީ ހަލާކުވެފައެވެ. އަދި އެހީއާއި ހިޔާވަހިކަމުގެ ސާމާނާއި އަދި އާރާތްތައް އަލުން ބިނާކުރުމަށް ބޭނުންވާ ތަކެތި ވެއްދުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން އެހީގެ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތައް ކުރިމަތިވެފައެވެ.

އޮކްޓޯބަރު 7، 2023 ގައި އިސްރާއީލުން ފެށި މި ހަނގުރާމައިގައި މިހާތަނަށް 74،640 އަށްވުރެ ގިނަ މީހުން މަރާލާފައިވެއެވެ. އަދި އޮކްޓޯބަރު މަހު "ހަނގުރާމަ މެދުކަނޑައިލުމުގެ" އެއްބަސްވުމެއް އަމަލުކުރަން ފެށިފަހުން، އިސްރާއީލުން ވަނީ މަދުވެގެން 1،610 ފަލަސްޠީނު މީހުން ޝަހީދުކޮށްލާފައެވެ.