ރ. ދުވާފަރުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

Ad
rt

މި އޮޕަރޭޝަނަކީ މި ހިނގާ މަހުގެ 4 ވަނަ ދުވަހު ދުވާފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެގޮތުން، ކޯޓު އަމުރާއެކު ދުވާފަރުގެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 65 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 26 އަހަރުގެ އަންހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ. އެއީ ރ. ދުވާފަރު / ކަބީލާއާގެ، ހާޖަރާ މާއިސާ ޢަލީ (26އ) އާއި، ރ. ދުވާފަރު / ދަފްތަރު ނަންބަރު 0235، ޢަބްދުﷲ ޢަލީ (33އ) އެވެ.

މި ދެ މީހުން ހައްޔަރުކޮށް، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެގޮތުން ހާޖަރާ މާއިސާ ޢަލީ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއިރު، ޢަބްދުﷲ ޢަލީ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މަސްތުވާތަކެތީގެ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.