އެއްވެސް އިންސާނަކީ އޭނާއާމެދު ތަޤުދީރު ނިޔާކޮށްފައިވާ ގޮތަކުން މުޖުތަމަޢުން އެކަހެރި ކުރެވިގެންވާނެ މީހެއް ނޫން ކަމަށާއި، ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ އަދި އެންމެންނަށް ޤަދަރުކުރާ މުޖުތަމަޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި "ރިވެލި އެވޯޑް" ދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މި ޙަފުލާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ، ޞިއްޙަތާއި ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މި ރަސްމިއްޔާތުގައި، މި އަހަރުގެ ރިވެލި އެވޯޑު ޙާޞިލުކުރި އަށް ފަރާތަކަށް އެވޯޑު ޙަވާލުކޮށްދެއްވީވެސް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ.

އެވޯޑު ޙާޞިލުކުރެއްވި ފަރާތްތަކާ މުޚާޠަބު ކުރައްވައި އެކަމަނާ ވިދާޅުވީ، އެ ބޭފުޅުންނަކީ އާދަޔާ ޚިލާފު ކުޅެދުންތެރިކަމަކާއި ފަންނުވެރިކަމެއް ދައްކުވައިދިން، މުޖުތަމަޢުގެ ވަރަށް އަގުހުރި މޭސްތިރިންތަކެއް ކަމަށެވެ. އަދި އެ ފަރާތްތަކާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށާއި، އެ ބޭފުޅުން އެ ދައްކުވައިދެއްވަނީ ޢަޒުމާއި ސާބިތުކަމުގެ މުހިންމުކަން ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މުޖުތަމަޢުގެ ނިޒާމުތައް ބައްޓަންވާންވާނީ ކުލުނާއި ކަމޭހިތުމަށް ދިރުން ލިބި، އެންމެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންވާ ގޮތަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ. ހަމައެއާއެކު، ކީރިތި ޤުރްއާނުގެ ޢަބަސަ ސޫރަތުގައި ބަޔާންވެގެންވާ ޙާދިސާއަށް އަލިއަޅުއްވާލައްވަމުން، އެކިއެކި އުނިކަން ހުންނަ ފަރާތްތަކުގެ އިޙްސާސްތަކަށް އިޙްތިރާމުކުރުމާއި، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ އިސްލާމްދީން ބާރުއަޅާ، އަދި މާތް ﷲ ލޯބިވެވޮޑިގަންނަވާ ކަމެއްކަން އެ ޙާދިސާއިން ސާފުވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ފަސްޓް ލޭޑީގެ ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު މާޒީގައި ތަފާތުކުރުންތައް ގެންގުޅެވިފައިވީ ނަމަވެސް، މިއަދު ދިވެހި މުޖުތަމަޢުގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އައިސް، ހޭލުންތެރިކަން އިތުރުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެގޮތުން 2012 ވަނަ އަހަރުން ފެށިގެން އެފަދަ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި، އެ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް ދައުލަތުގެ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެކަމަނާ ބަޔާންކުރެއްވިއެވެ.

އެގޮތުން އެފަދަ ފަރާތްތަކަށް ޢިލްމީ ހޭލުންތެރިކަމާއި ފަރުވާގެ ފުރުޞަތުތައް ފަހިކޮށްދެމުން އަންނަކަމަށާއި، އެ ފަރާތްތަކުގެ ކިބައިގައި ހުރި ހުނަރުތައް ޢާންމުކުރުމަށް ހިތްވަރުދީ، އެކަމަށް މަރުޙަބާ ކިޔައި ޖަމާޢީ ގޮތެއްގައި ވާގިވެރިވަމުން އައިސްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި ޙަފުލާ ނިންމަވާލައްވަމުން، ރިވެލި އެވޯޑު ޙާޞިލުކުރެއްވި އަށް ބޭފުޅުންނާއި، އަދި 'ސްޕެޝަލް ރިކޮގްނިޝަން ޓޯކަން' ޙާޞިލުކުރެއްވި ފަރާތާއެކު ވަކިވަކިން ނެގި ހަނދާނީ ފޮޓޯތަކުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.