ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެފަދަ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ މިއަހަރުގެ "ރިވެލި އެވޯޑު" 8 ފަރާތަކަށް ދީފިއެވެ.

މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފަރާތްތަކަށް އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

Ad
rt

މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބެޗެލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ހާސިލުކުރުމާ ގުޅިގެން، އެ ކާމިޔާބީ ފާހަގަކޮށް ޚާއްޞަ ޝަރަފެއް ދީފައިވެއެވެ. އެގޮތުން ށ. ކޮމަންޑޫ، އެންދެރިމާގެ، އިސްމާޢީލް ރާޙިލްއަށް ސްޕެޝަލް ރެކޮގްނިޝަން ޓޯކަން ޙަވާލުކޮށްދެއްވީ ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވަޒީރު ޤީލާ އަލީއެވެ.

ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން، ސަރުކާރުގެ "އޯގާތެރި މުޖުތަމަޢު" ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މުހިންމު ޤައުމީ ހަރަކާތެއް ކަމަށެވެ. އަދި މި އެވޯޑުގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް އެހީތެރިވާ ފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް ހިތްވަރު ދިނުން ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެއިތުރުން، މިފަދަ އެވޯޑެއް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމަޢުގައި ތިބި ޤާބިލު ބައެއްކަން ހާމަކޮށްދިނުން ކަމަށާއި، އޭގެ ސަބަބުން މުޖުތަމަޢުގެ ތަފާތުކުރުންތައް ކުޑަވެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މިއަހަރުގެ އެވޯޑަށް ހުޅުވާލުމުން ޖުމްލަ 25 ފަރާތަކުން ނަން ހުށަހަޅާފައިވާއިރު، އެވޯޑު ޙާޞިލުކުރި 8 ފަރާތުގެ ތެރޭގައި ހިމެނެނީ ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކާއި، އެފަދަ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ 4 ފަރާތެކެވެ.

މިއަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން އެވޯޑު ޙާޞިލުކުރީ ހދ. ކުރިނބި، ރިހިވެލި، ޢަލީ ސަމީމާއި، ސ. މަރަދޫ، އަސްރުމާގެ، މުޙައްމަދު ނާހިލް ސަލާމްގެ އިތުރުން ހ. ޝަފީޤުގެ، ޢާއިޝަތު ޝަފީޤެވެ. އަދި އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން މިއަހަރު އެވޯޑު ޙާޞިލުކުރީ ށ. ބިލެތްފަހި، ހަވީރީނާޒް، ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން އަމީނިއްޔާ ސްކޫލް އެވޯޑު ހޯދިއިރު، ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އެވޯޑު ޙާޞިލުކުރީ ހދ. ކުޅުދުއްފުށި، އަލްފާ، ފާޠިމަތު މުޙައްމަދެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެވޯޑު ހޯދިއިރު، އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާއިން އެވޯޑު ޙާޞިލުކުރީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑެވެ.

ސަރުކާރުން 2012 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑު، މިހާތަނަށް ޖުމްލަ 67 ފަރާތަކުން ވަނީ ޙާޞިލުކޮށްފައެވެ.