ހއ. އުލިގަމުގައި ކުރިއަށްގެންދާ "އުލިގަން ކަޕް 2026" އަންހެނުންގެ ވޮލީބޯޅަ މުބާރާތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މި މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރި ދެ ޓީމުގެ ތެރެއިން ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރީ ލިލީ އެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅުނު މި މެޗުގައި ލިލީއާ ދެކޮޅަށް ނުކުތީ ޝާކް ސްލޭޔަރސް އެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ މޮޅުވި ލިލީ ޓީމުގެ މަރިޔަމް ސައީދާ އެވެ.

Ad
rt

މިއީ އުލިގަމު ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) ގުޅިގެން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 15 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުއެވެ.

އުލިގަން ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީގެ އިތުރުން ރަން މެޑަލް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމާއި ރިހި މެޑަލް ކަނޑައަޅާފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

މީގެއިތުރުން، މުބާރާތުގެ ޚާއްސަ މަގާމުތަކުގެ ގޮތުގައި ފެއަރޕްލޭ ޓީމު ހޮވުމުގެ އިތުރުން، މުޅި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން ހޮވުމަށް ވެސް ވަނީ ނިންމާފައެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށާއި ސްޕޮންސަރުންނަށް އުލިގަމު ކައުންސިލާއި އތމ ކޮމިޓީގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ. މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެ ކަމަށާއި، މި މެޗުގައި ބައްދަލުކުރާނީ ޓްރިޕްލް އެސް އަދި ސްޕައިކް ކުއީންސް ކަމަށް މައުލޫމާތު ލިބެއެވެ.