ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން، އުތުރުގެ އަތޮޅތަކަށް ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން އުތުރުގެ އަތޮޅުތަކަށް ނެރުނު ސަމާލުގެ ވަގުތު މިވަގުތު ދީފައި ވަނީ މިރޭ 19:00 އާއި ހަމައަށެވެ.

Ad
rt

މިވަގުތުގައި އުތުރުގެ އަތޮޅުތަކަށް ބޯ ކެރި ވެހޭނެކަމަށް ލަފާކޮށްފައިވާއިރު، ގުގުރާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީ އާއި ހަމައަށް މެޓުން ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން، މި ނޮވެމްބަރ 7 އިން 11އަށް ރާއްޖޭގެ ބޮޑުބަޔަަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެންމެ ފަހުގެ މޫސުމީ މަޢުލޫމާތުތަކަށް ސަމާލުވުމަށް މެޓުން ވަނީ އިއްޔެ އާންމުކޮށް އިލްތިމާސްކޮށްފައެވެ.

އެ އިދާރާއިން އާންމުކުރި ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑުބަޔަަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ފެންބޮޑުވެ ހާދިސާތައް ކުރިމަތިވުމަކީ ވެސް އެކަށީގެންވާކަމެއްކަމަށް އެ އިދާރާއިން ހާމަކުރައްވައެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ތައްޔާރުވުމަށާއި، އެންމެ ފަހުގެ މޫސުމީ މަޢުލޫމާތުތަކަށް ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް ވެސް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.