މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި "ދެރަހަ" ނަމަކަށް ކިޔާ ބޯޓުން ދަތުރުކުރި 10 މީހުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ސަލާމަތްކޮށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ނޮވެންބަރު މަހުގެ 8 ވަނަ ދުވަހުގެ ރޭ ދަންވަރު 00:40 ހާއިރުއެވެ. އެ ރިޕޯޓު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެ ސަރަހައްދަށް ވަގުތުން ދަތުރުކޮށްފައެވެ.

Ad
rt

އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި ފަރަށް އެރި ބޯޓުގައި ތިބީ ޖުމްލަ 10 މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ހަ ބިދޭސީންނެވެ. މި އެންމެން ވެސް ވަނީ ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގައި، ރައްކާތެރިކަން ފޯރުކޮށްދީފައެވެ.

އެގޮތުން، ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ހަތް މީހަކު އެ ރޭ ދަންވަރު 01:53 ހާއިރު ވަނީ ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގާފައެވެ. އަދި ބާކީ ތިބި ތިން މީހުން ޑިންގީއެއްގައި ގދ. ފެންފުއްޓާއަށް އަރައި ތިއްބައި، އެ މީހުން ވެސް ވަނީ އެ ރޭ ދަންވަރު 02:10 ހާއިރު ހާބަރކްރާފްޓަށް ނަގާފައެވެ.

ފަރަށް އެރި 'ދެރަހަ' ބޯޓު ފުންކުރުމުގެ މަސައްކަތަށް އެ ބޯޓުގެ ވެރިފަރާތުން ގެނައި "ސްވިފްޓް" ނަމަކަށް ކިޔާ ދޯނި އެ ސަރަހައްދަށް އައީ ފަތިހު 04:22 ހާއިރުއެވެ. އެ ދޯނި އެ ސަރަހައްދަށް އައުމާ އެކު، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ، 'ދެރަހަ' ބޯޓުގެ ވެރިފަރާތާ ގުޅިގެން އެ ބޯޓު ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން މިހާރުވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.