ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ރަށުގެ ރައްޔިތުންނާއި ކަމާބެހޭ މުއައްސަސާތަކުން ދެއްވި އަވަސް އެއްބާރުލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.
މި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ ހާލަތްތަކުން މި ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި އެމަނިކުފާނު ދުޢާ ދެންނެވިއެވެ.
ކުރިމަތިވި ކުއްލި އަދި އުނދަގޫ ހާލަތުގައި ވަގުތުން އިޖާބަދެއްވައި، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި އެހީތެރިކަމުގެ އަގު ވަޒަންކުރައްވައި ރައީސް ވަނީ ގިނަ ފަރާތްތަކަކަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކަށާއި، ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން ފުނަދޫގެ އެކުވެރި ރައްޔިތުންނަށް އެމަނިކުފާނު ވަނީ އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ގެއްލުންވި ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ހާދިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި އެ ސަރަޙައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕް ނުވަތަ ގަރާޖަކަށް އަލިފާނުގެ އަސަރު ވަނީ ކޮށްފައެވެ. އޭގެ ތެރެއިން އެއް ގެ އެއްކޮށް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބުނެވެ.
މި ހާދިސާގައި ސީދާ އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތެއް ކުރިން ލިބިފައި ނުވި ނަމަވެސް، ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް ފަރާތްތަކަށް މިހާރު ދަނީ ފުނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އަލިފާން ރޯވި ސަރަޙައްދުން އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކައިރީގައި ހުރި ގެތަކުން މީހުން ހުސްކޮށް، ވަގުތީ ގޮތުން ރައްކާތެރި އެހެން ގެތަކަށް ވަނީ ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!