ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދި މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރު ނުވުމުން އަޑުއެހުން ކެންސަލްކޮށްފި އެވެ.

ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގަ އެވެ.

Ad
rt

އެ މައްސަލާގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަށް ސައުދު ހާޒިރު ނުވުމުން އެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އަދި އެކަމުގައި ދެން އަމަލު ކުރާނެ ގޮތެއް އެ ކޯޓުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

އެ މައްސަލާގައި ސައުދުގެ މައްޗަށް ދައުވާކުރަނީ އެހެން ރަށްރަށުގެ މީހުންނާއި މަރުވެފައި ތިބި މީހުންގެ ނަން ހިމަނައިގެން ތިނަދޫގެ އާބާދީއަކީ 10,000 މީހުން ކަމަށް ބުނެ ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ދިން ކަމަށް ބުނެ އެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ މޭޔަރުކަމުގެ ގޮނޑި ސައުދަށް ގެއްލޭނެ އެވެ.