ށ. ކޮމަންޑޫ މަގުތަކުގައި ހުރި ތަކެއްޗާއި، ކާބޯތަކެތި އަޅާ ގަސްތައް 1 ނޮވެމްބަރު 2026 ގެ ކުރިން ނެގުމަށް އެ ރަށު ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮށް، އެކަމަށް މުހުލަތެއް ދީފިއެވެ.
މިކަމާ ގުޅިގެން ކޮމަންޑޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މަގުގައި ހިނގާ ފަރާތްތަކަށާއި އެއްގަމު އުޅަނދު ދުއްވުމަށް ދަތިވާނެހެން މަގުމައްޗާއި ގޯޅިތަކުގައި ތަކެތި ބަހައްޓާފައި ހުންނަކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، މަގުމައްޗާއި ގޯޅިތަކުގައި އެ ފަދައިން ޢަމަލު ކުރުމަކީ މަނާކަމެއްކަމުގައި ކައުންސިލުން ވަނީ ބުނެފައެވެ.
މީގެއިތުރުން، ކާބޯތަކެތި އަޅާ އެއްވެސް ބާވަތެއްގެ ގަހެއް މަގުމަތީގައި ހެއްދުމަކީ ވެސް މަނާކަމެއްކަމުގައި އެ އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.
ނަމަވެސް، ބަގީ ފަދަ އުޅަނދުފަހަރަށް ދަތިނުވާނެހެން، މާ އަޅާ ގަހާއި ބަގީޗާގަސް ހެއްދިދާނެކަމަށް ކޮމަންޑޫ ކައުންސިލުން މަޢުލޫމާތުދެއެވެ.
ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ކަނޑައަޅާފައިވާ ތާރީޚުގެ ފަހުން، ކާބޯތަކެތި އަޅާ ގަސް އިންދައި ހެއްދުމާއި، މަގުގައި ހިނގާ ފަރާތްތަކަށާއި އެއްގަމު އުޅަނދު ދުއްވުމަށް ދަތިވާނެހެން މަގުމައްޗާއި ގޯޅިތަކުގައި ތަކެތި ބަހައްޓާނަމަ، އެ ތަކެތި ކައުންސިލުން ނަގާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!