ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ބައިވެރިވެ، ހއ. ވަށަފަރު، އިމްތިނާން ޝަރީފްގެ "ފިޔަވަޅު ޕްރިންޓްސް" އިން ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
ފިޔަވަޅު ޕްރިންޓްސް އިން މި މައުރަޒުގައި އެވޯޑު ހާސިލުކޮށްފައިވަނީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންކުރާ ތަކެތީގެ ގިންތިން ތިންވަނަ ހޯދައިގެންނެވެ. މި އެވޯޑު އެ ފަރާތަށް ލިބިފައިވަނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ބިޒީ ބުކް" އަށެވެ.
މައުރަޒުގެ ސްޓޯލްތަކުގައި ފިޔަވަޅު ޕްރިންޓުން ބައިވެރިކުރި އުފެއްދުންތަކުގެ ތެރެއިން، ޚާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން އުފައްދާފައިވާ މި "ބިޒީ ބުކް" އަށާއި ކްލޯތްސް ބުކްސްއަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ކުޑަކުދިންގެ ހުނަރާއި އުނގެނުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ މިފަދަ އުފެއްދުންތަކަކީ، މައުރަޒަށް ޒިޔާރަތްކުރާ އެތައް ބައެއްގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ހުއްޓިފައިވާ އުފެއްދުންތަކެކެވެ.
ފިޔަވަޅު ޕްރިންޓްސް އިން ހޯދި މި ފަޚުރުވެރި ކާމިޔާބީއާ ގުޅިގެން ވަށަފަރު ކައުންސިލުން ވަނީ އެ ފަރާތަށް މަރުހަބާ ދަންނަވާފައެވެ. މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން، ކުޑަކުދިންގެ ވިސްނުމާއި ހުނަރު ތަރައްގީކުރުމަށް އެހީވެދޭ މި އަގުހުރި އުފެއްދުންތައް ޚާއްސަ ޑިސްކައުންޓަކާ އެކު މިހާރު މައުރަޒުގެ ތެރެއިން ގަންނަން ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
ދިވެހިންގެ އުފެއްދުންތެރިކަން ކުރިއަރުވައި، ތަފާތު އެކި ދާއިރާތަކުން ފަންނުވެރިން ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމުގެ ބޭނުމުގައި ބާއްވާ މި މައުރަޒު ރަސްމީކޮށް ހުޅުވާފައިވަނީ އާދީއްތަ ދުވަހުގެ ރޭގައެވެ. މި މަހު ފެށުނު މި ބޮޑު މައުރަޒު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މައުރަޒުގެ ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކަށް ބަލާއިރު، ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށް އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް މައުރަޒު ވަނީ ހުޅުވާލާފައެވެ. މިއަހަރުގެ މައުރަޒަކީ ވަރަށް ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ފާހަގަކޮށްލެވޭ ބޮޑު ހަރަކާތެކެވެ. އެގޮތުން ޖުމްލަ 419 ފަރާތަކުން 4,404 އުފެއްދުމެއް މި މައުރަޒުގައި ބައިވެރިކޮށްފައިވެއެވެ.
މި މައުރަޒުގެ އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑު ވަނީ ދީފައެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި، ދެވަނައަށް ދިޔަ 95 ފަރާތުގެ އިތުރުން ތިންވަނަ ހޯދި 82 ފަރާތް ހިމެނެއެވެ. ބައެއް ބައިވެރިން އެއް އެވޯޑަށްވުރެ ގިނަ އެވޯޑު ހާސިލުކޮށްފައިވާތީ މައުރަޒުން ޖުމްލަ ވަނަތައް ހާސިލުކުރީ 134 ބައިވެރިންނެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ހާސިލުކުރި 76 އެވޯޑުވެސް މި އެވޯޑުތަކުގެ ތެރޭގައި ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!