މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ވާދަކޮށް، ށ. ކަނޑިތީމަށް ނިސްބަތްވާ ޙުސެއިން ނާއިޝް ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހޯދައި އެވޯޑް ޙާޞިލުކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ބޮޑު މައުރަޒުގައި ނާއިޝް ވަނީ މުޅިއެކު ތިން ދާއިރާއަކުން ވަނަ ކަށަވަރުކޮށްފައެވެ. އެގޮތުން އޭނާ ވަނީ ތްރީޑީ އާޓްސް ކެޓަގަރީން 1 ވަނަ ހޯދުމުގެ އިތުރުން، ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކެޓަގަރީން 2 ވަނަ އަދި ކެލިގްރަފީ ކެޓަގަރީން 3 ވަނަ ޙާޞިލުކޮށްފައެވެ.
ނާއިޝް ހޯދި މި ފަޚުރުވެރި ކާމިޔާބީއާ ގުޅިގެން، ކަނޑިތީމު ކައުންސިލުންނާއި އެ ރަށުގެ ރައްޔިތުންގެ ނަމުގައި ވަނީ އޭނާއަށް މަރުޙަބާއާއި ތަހުނިޔާ އަރިސްކޮށްފައެވެ. ކައުންސިލުން ފާހަގަކުރި ގޮތުގައި މިއީ މުޅި ރަށަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ.
މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި، މި ދާއިރާއިން ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބޭއްވި މައުރަޒެކެވެ. މި މައުރަޒު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި މައުރަޒު ކުރިއަށްގެންގޮސްފައިވަނީ ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމަނައިގެންނެވެ. އެގޮތުން 400 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެ، 4،400 އަށް ވުރެ ގިނަ އުފެއްދުން މި މައުރަޒުގައި ވަނީ ބައިވެރިކޮށްފައެވެ.
މި މައުރަޒުގެ ތެރެއިން އެކި ގިންތިތަކުން ފާހަގަކޮށްލެވުނު އުފެއްދުންތައް ފާހަގަކޮށް، ވަނަތަކަށް ހޮވުނު ފަރާތްތަކަށް ވަނީ އެވޯޑާއި އިނާމު ޙަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!