ހއ. ދައްޕަރުގެ ލީޒްހޯލްޑް ހައްގުތައް ވިއްކުމަށް ބްރޯކަރަކާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސަސް އޭ.ޖީ. އިން 1.1 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު އަނީކް ޢާމިރު، ނޫމަޑިއާ ދެކޮޅަށް ކުރި މި ދައުވާއަކީ އޭނާގެ އަމިއްލަ ނަމުގައި ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ނިންމުމަށް ފަހުގައެވެ.

Ad
rt

އޮކްޓޯބަރު 25 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި މި ހުކުމާއެކު، ސިވިލް ކޯޓުގެ ހުކުމުގެ އިތުރުން މި މައްސަލަ އަލުން ބެލުމަށް އެ ކޯޓަށް ތަހުވީލުކުރި ހައިކޯޓުގެ ދެ ގަޒިއްޔާއެއްގެ ހުކުމް ވެސް ވަނީ ބާތިލުވެފައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމްގެ މަޖިލީހުންނެވެ. ބެންޗުގެ އަނެއް ދެ ފަނޑިޔާރުން ވެސް ތާއީދުކުރެއްވީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށެވެ.

މި މައްސަލައަކީ ދިވެހި ސަރުކާރުން ނޫމަޑި އޭ.ޖީ. އަށް ދީފައިވާ ދައްޕަރުގެ ލީޒްހޯލްޑް ހައްގުތައް ގަންނާނެ ފަރާތެއް ހޯދުމަށް އެމްޓެލް ވެންޗަރސް ލިމިޓެޑާއެކު 21 ނޮވެންބަރު 2012 ގައި ވެވުނު ބްރޯކަރޭޖް އެއްބަސްވުމަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ. އެ އެއްބަސްވުމުގެ ދަށުން ބްރޯކަރޭޖް ފީގެ ގޮތުގައި ތިން ބައެއްގެ މަތިން ތިން މިލިއަން ޑޮލަރު ދެއްކުމަށާއި، ފައިސާ ދެއްކުން ލަސްވާ ކޮންމެ މަހަކަށް އެއް ޕަސެންޓުގެ ގެއްލުމުގެ ބަދަލެއް ދިނުމަށް ކަނޑައަޅާފައި ވެއެވެ. އޭގެ ފަހުން 24 ޖަނަވަރީ 2016 ގައި މި އެއްބަސްވުމަށް އެޑެންޑަމެއް ގެނެވުނު ނަމަވެސް، ނޫމަޑިން ބުނެފައިވަނީ އެއީ ބިރުދައްކައިގެން ސޮއިކުރުވި ލިޔުމެއް ކަމަށެވެ.

އެމްޓެލް ކުންފުނީގައި މަސްލަހަތު އޮންނަ މުޙައްމަދު އަނީކް ޢާމިރު ސިވިލް ކޯޓަށް ދައުވާ ހުށަހެޅީ އެ ކުންފުނީގެ ބޯޑުން 4 ޑިސެންބަރު 2014 ގައި ފާސްކުރި ގަރާރަކަށް ބިނާކޮށް 14 މާޗް 2018 ގައެވެ. އެ މައްސަލައިގައި އޭނާ ހޯދަން އެދުނު ފައިސާގެ ތެރެއިން 1,100,000 ޑޮލަރު، 24 ފެބުރުއަރީ 2019 އިން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ނޫމަޑީގެ މައްޗަށް ހުކުމްކުރިއެވެ. ނަމަވެސް، ދެ ފަރާތުން ވެސް މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ނިންމީ ބޯޑު ގަރާރުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވާލުމަށެވެ.

ސުޕްރީމް ކޯޓުގައި ވާހަކަދައްކަމުން ނޫމަޑި އޭ.ޖީ. އިން ބުނީ، ބޯޑު ގަރާރުގެ ސައްހަކަން ސާބިތުކޮށްދިނުމުގެ ބުރަ އޮތީ ދައުވާކުރި ފަރާތަށް ކަމަށްވާއިރު، އެކަން ސިވިލް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވަނީސް ހައިކޯޓުން އަލުން އެ ފުރުސަތު ދިނުމަކީ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް އުނިކަން އަންނަ ކަމެއް ކަމަށެވެ. އަދި އަސްލު އެއްބަސްވުމުގެ ބައިވެރިންގެ ރުހުމެއް ނެތި އެމްޓެލްގެ ޒިންމާތައް އަނީކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ނޫމަޑިން ބުންޏެވެ. ނަމަވެސް އަނީކް ފާހަގަކުރި ގޮތުގައި، ކުންފުނީގެ އެއްވެސް ޝަކުވާއެއް ނެތި އޭނާއަށް ބާރު ދީފައިވާއިރު، ނޫމަޑީގެ ސިޓީތައް ފޮނުވުމާއި ފައިސާގެ ރަސީދުތަކުގައި ވެސް ޖަހާފައިވަނީ އޭނާގެ ނަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ، ފަރާތަކަށް ބާރު ދިނުމާއި ހައްގެއް ނަގުލުކުރުމަކީ ތަފާތު ދެ ކަމެއް ކަމެވެ. ބާރު ދިނުމެއްގައި ހައްގުގެ ހަގީގީ ވެރިޔަކީ ބާރު ދޭ ފަރާތް ކަމަށްވުމުން، އެ ހާލަތުގައި ދައުވާކުރަންޖެހޭނީ އެމްޓެލްގެ ނަމުގައި ކަމަށް ރައުޔުގައި ބަޔާންކުރެއްވިއެވެ. އަދި ބޯޑު ގަރާރަކީ ހައްގުތަކެއް ނަގުލުކުރުން ކަމަށް ބަލާނަމަ، ދިވެހި ގާނޫނުގައި އެކަމުގެ ޝަރުތުތައް ނެތުމުން އިނގިރޭސި ގާނޫނަށް ރިއާޔަތްކުރަންޖެހޭ ކަމަށާއި، އެ އުސޫލުން ހައްގު ނަގުލުކުރުން ތަންފީޒުވަނީ ދަރަނިވެރިޔާއަށް ލިޔުމުން ނޯޓިސް ދިނުމުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ނޫމަޑިއަށް އެފަދަ އެއްވެސް ނޯޓިހެއް ދީފައި ނުވާކަމާއި، އެމްޓެލްގެ ޒިންމާތައް އަނީކާ ހަވާލުކުރުމަށް އާ އެއްބަސްވުމެއް ނުވަތަ ނޮވޭޝަނެއް ހަދާފައި ނުވާކަން ކޯޓަށް ސާފުވާ ކަމަށް ވެސް ރައުޔުގައި ވެއެވެ.

މީގެއިތުރުން ސިވިލް ކޯޓުން ހުކުމްކުރިއިރު ވެސް ފައިސާ ލިބިދިނުމަށް ކަނޑައަޅާފައި އޮތީ އެމްޓެލްއަށް ކަމަށާއި، ބޯޑު ގަރާރުން ކޮން ކޯޓެއްގައި ކޮން ދައުވާއެއް ކުރުމުގެ ބާރެއް ދިންކަން އެނގެން ނެތްކަން ވެސް ސުޕްރީމް ކޯޓުން ފާހަގަކުރެއްވިއެވެ. އަދި އެމްޓެލްއަކީ ވަކި ގާނޫނީ ޝަޚްސެއްކަން އެނގޭނެ ލިޔުމެއް ވެސް ސިވިލް ކޯޓަށް ހުށަހެޅިފައި ނުވާކަމަށް ވިދާޅުވިއެވެ. "މި މައްސަލައިގައި ސިވިލް ކޯޓުން ގިނަގުނަ ގޯސްތަކެއް ހަދާފައިވާކަން ކަނޑައެޅިގެން ފެންނަން އޮތް،" ކަމަށް ބަޔާންކުރައްވައި ފަނޑިޔާރު ޢަލީ ރަޝީދު ނިންމެވީ، ގަރާރު ސައްހަކަމަށް ކަނޑައެޅޭނެ ގާނޫނީ އެއްވެސް އަސާސެއް ނެތުމުން، އަލުން މައްސަލަ ބަލަން ފޮނުވުމަކީ ނޫމަޑީގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ.