ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެއްޗެއް ގޮވައި، ޖުމްލަ 18 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި ސިއްހީ ފަރުވާ ދޭން ޖެހިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކައިރި ސަރަހައްދުތަކަށް ފެތުރިގެން ދިޔަ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށް ވެސް އަލިފާން ފެތުރިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

Ad
rt

މީގެއިތުރުން، އެ ސަރަހައްދުގައި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް ވެސް އަލިފާން ފެތުރިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހާދިސާގެ ސަބަބުން އަލިފާން ފެތުރުނު އެ ތަންތަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާއާ ގުޅިގެން އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދިން 18 މީހުންގެ ތެރޭގައި، ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފަކު ހިމެނެއެވެ.

ދެން ހިމެނޭ 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގި ސަރަހައްދު މިހާރު ފުލުހުން ވަނީ ކޯޑަންކޮށް ބަންދުކޮށްފައެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަހުގީގުގައި އެހީތެރިވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް މާދަމާ ހެނދުނު ފުނަދޫއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.