ދިވެހި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ރަސްމީކޮށް ފަށައިފިއެވެ. މި މައުރަޒު އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ދިވެހި ސަގާފަތާ ގުޅުންހުރި އެކި ހަރަކާތްތަކާއެކު އާންމުންނަށް މި މައުރަޒު ހުޅުވާލާފައިވާއިރު، މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެ ސްޓޯލްތަކުގައި ކުރިއަށްދާ ކަންކަން އެ ދެކަނބަލުން ވަނީ ބައްލަވާލައްވާފައެވެ.
މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުމެއް ވަނީ ބައިވެރިކޮށްފައެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާ އަޅާބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި 75 ވިޔަފާރިއެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތަކުން ބައިވެރިވެފައިވާއިރު، ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ އިސްނަގައިގެން ބައިވެރިވެފައެވެ.
ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމަނައިގެން ކުރިއަށްގެންދާ މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ހިމެނެނީ ދިވެހިންގެ ޒަމާންވީ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެ ދާއިރާއިން 1,695 އުފެއްދުމެއް ހިމަނާފައިވާއިރު، ދެވަނައަށް އެންމެ ގިނަ އުފެއްދުން ހިމެނެނީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިންނެވެ. އެއީ 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ވަރަށް ގިނަ އަދަދެއްގެ އުފެއްދުންތައް މި މައުރަޒުގައި ވަނީ ހިމަނާފައެވެ.
މި މައުރަޒުން ދިވެހިވަންތަ ސަގާފީ އުފެއްދުންތެރިކަމުގެ އިތުރުން ޒަމާނީ އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އެކި ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ. ހަމައެއާއެކު، ދިވެހީންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމުގެ އިތުރުން، ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުންވެސް މި މައުރަޒުގެ ތެރެއިން ވަނީ ފަހިކޮށްދީފައެވެ.
މައުރަޒުގައި ތަކެތި ދައްކާލުމަށްޓަކައި މިއަހަރު ވަނީ 7 ޑިސްޓްރިކްޓެއް ގާއިމުކޮށްފައެވެ. އެއީ މިދިޔަ އަހަރު ހިމެނުނު 5 ޑިސްޓްރިކްޓުގެ އިތުރުން، އަލަށް ތައާރަފްކުރި ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓާއި އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓެވެ. ދެން ހިމެނޭ ޑިސްޓްރިކްޓްތަކަކީ ވާދަކުރުމުގެ ބައިގެ ތަކެތި ދައްކާލާ ޑިސްޓްރިކްޓާއި، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޓެކްނޮލޮޖީގެ އުފެއްދުންތަކަށް ޚާއްސަ ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، ސަގާފީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ޚާއްސަ އެންޓަރޓައިންމަންޓް ޑިސްޓްރިކްޓުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ޚާއްސަ މާކެޓްޕްލޭސް ޑިސްޓްރިކްޓެވެ.
މި މައުރަޒު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 9 ދުވަހުގެ މުއްދަތަށެވެ. އެގޮތުން މި ހިނގާ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ހަރަކާތް ކުރިއަށްދާއިރު، ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އާ ހަމައަށް މައުރަޒު އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!