ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި އެ އޮތޯރިޓީން ވަނީ އެ ގެއަށް ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ 11 މީހުންނަށް ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި މި އަލިފާނުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ 33 މީހުން ވަނީ ރައްކާތެރި އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. އަދި މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް ދުމުގެ އަސަރުކުރި މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުނެވެ.
އަލިފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެއް ގެ އެއްކޮށް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އަދި އޭގެ ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ ހާލަތްތަކުން މި ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި އެމަނިކުފާނު ދުޢާ ދެންނެވިއެވެ. އެމަނިކުފާނު ވަނީ މިކަމުގައި އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.
މީގެ އިތުރުން ފުނަދޫ ކައުންސިލުން ވެސް ވަނީ މި ހާދިސާ އާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!