ށ. ފޭދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ފޭދޫ ކައުންސިލް ކަޕްގެ ފައިނަލުގައި އެން ކްލަބް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޑާކް ވުޑުން ހޯދައިފިއެވެ.
ކްލަބް ޑާކް ވުޑުން މި މުބާރާތުގެ ތަށި އުފުލައިލީ ފައިނަލް މެޗުގައި 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެން ކްލަބް ބަލިކުރުމަށްފަހުގައެވެ. މި މެޗުން ބަލިވި އެން ކްލަބަކީ ވޭތުވެދިޔަ ދެ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ޗެމްޕިއަންކަން ހޯދި ކްލަބް ޑާކް ވުޑަށް ފޭދޫ ކައުންސިލުން ހުށަހެޅި 25،000 ރުފިޔާގެ ފައިސާގެ އިނާމާއި، މުބާރާތުގެ ޓްރޮފީ އަދި މެޑަލް ވަނީ ޙަވާލުކޮށްފައެވެ. އަދި ރަނަރއަޕް ޓީމު ކަމަށްވާ އެން ކްލަބަށް 12،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލް ވަނީ ދީފައެވެ.
ފޭދޫ ކައުންސިލް ކަޕް 2026ގެ ކިންގް ޝަންޓޭ، ފޮޓޯ: ފޭދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބް
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކިންގް އޮފް ދަ ޓޯނަމެންޓް" ގެ މަޤާމާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ކްލަބް ޑާކް ވުޑްގެ މުޙައްމަދު އިސާމް (ޝަންޓޭ) އެވެ. ރ. ދުވާފަރަށް އުފަން ޝަންޓޭ ވަނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ.
މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ އެން ބްލެކްގެ އަފްލާޒް (އަފްޒާލް) އެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 14 ގޯލު ކާމިޔާބުކޮށްފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ރަނަރއަޕް ޓީމު، އެން ބްލެކްގެ ކޯޗު ޢަލީ ރަޝީދެވެ. މީގެއިތުރުން މުބާރާތުގެ އެކި މަޤާމުތަކަށް ހޮވުނު ފަރާތްތަކަށް ވެސް ފޭދޫ ކައުންސިލުން ވަނީ ޓްރޮފީ ޙަވާލުކޮށްފައެވެ.
ފޭދޫ ކައުންސިލް ކަޕް 2026ގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ފޭދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބް
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ އެން ބްލެކްގެ ގޯލްކީޕަރު އަހުމަދު ނިޒާހު އާއި އަފްޒާލްގެ އިތުރުން ޑާކް ވުޑްގެ މުޙައްމަދު އިސާމް (ޝަންޓޭ) އާއި މާއިލް މުހައްމަދު (މާޓު) އަދި އަހުމަޒު ފާއިން މުހައްމަދެވެ.
ފޭދޫ ކައުންސިލް ކަޕްގައި މިއަހަރު ފަސް ޓީމު ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމަށް ސީދާ ފައިނަލުން ފުރުސަތު ލިބޭ ގޮތަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅުމަށްފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!