ށ. ފުނަދޫގައި މިއަދު ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ރަށަށް މިވަގުތު ވެހެމުންދާ ވާރޭފެން ނުނެގުމަށާއި ވާރެޔާ ނުތެމުމަށް ފުނަދޫގައި ހުންނަ ށ.އަތޮޅު ހޮސްޕިޓަލުން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

ފުނަދޫ ހޮސްޕިޓަލުގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ރަށުގެ ވައިގެ ތެރެއަށް ބޯ ދުމާއި ތެލުގެ އަސަރު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން، މި ވަގުތު ރަށަށް ވެހެމުންދާ ވާރޭފެނުގައި ނުރައްކާތެރި މާއްދާތައް އެކުލެވިގެންވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

އެ ހޮސްޕިޓަލުން ވަނީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިވަގުތު ވެހެމުންދާ ވާރެއިން ފެން ނުނެންގެވުމަށާއި، ވާރެޔާ ނުތެމި ރައްކާތެރިވެ ތިއްބެވުމަށް އިލްތިމާސްކޮށްފައެވެ. އަދި ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާއި އާއިލާގެ ރައްކާތެރިކަން މި ދަނޑިވަޅުގައި އިސްކުރުމަށްވެސް ވަނީ އެދިފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:00 ހާއިރު، ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައެވެ. މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެއް ގެ އެއްކޮށް އަނދައިގެން ގޮސްފައިވާއިރު، ދުމުގެ އަސަރުކޮށްގެން ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާ ކަމަށް ވަނީ އެނގިފައެވެ.

މި ހާދިސާ އާއި ގުޅިގެން އެ ހޮސްޕިޓަލްގެ އޯޕީޑީ މިއަދު ހެނދުނު ވަގުތީ ގޮތުން މެދުކަނޑާލިނަމަވެސް، ހަވީރު ވަނީ އަލުން އާންމު ހާލަތުގައި ޚިދުމަތް ދޭން ފަށާފައެވެ.

ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގެ އަސަރު އެންމެ ބޮޑަށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކުރަމުން އަންނައިރު، މިވަގުތު ވެސް ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮތީ ހުދު ސަމާލު ނެރެފައެވެ. އުތުރުގެ ބައެއް ރަށްތަކަށް ރެއާއި މިއަދު ވެސް ވަނީ ބޯކެރި ވެހިފައެވެ.