އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުޙައްމަދު މައިސަން ޝިޔާޒު (21އ) އާއި، އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި، ނަޖުމުﷲ ޙަސަން (35އ) އާއި، ޢާޒިމް މުފީދު (24އ) އާއި، ޢަލީ ޙުޒާމް ސަޢީދު (31އ) ގެ އިތުރުން މުޙައްމަދު ޞާލިޙު އަޙްމަދު (26އ) އާއި، އަޙްމަދު ނޫޙު ނިޔާޒު (20އ) އާއި، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އަދި އަޙްމަދު ޞާނިޖު ޞާދިޤު (32އ) އެވެ.

Ad
rt

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކި މުއްދަތުތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެގޮތުން އަޙްމަދު އިފްތިޝާމް ޒަރީރާއި ޢަލީ ޙުޒާމް ސަޢީދު 90 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަޙްމަދު ޞާނިޖު ޞާދިޤު ބަންދުކުރުމަށް އަމުރުކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ. މީގެއިތުރުން ޢާޒިމް މުފީދު 15 ދުވަހަށް، އަދި މުޙައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މުޙައްމަދު ޞާލިޙު އަޙްމަދާއި، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރާއި، ނަޖުމުﷲ ޙަސަން އަދި އަޙްމަދު ނޫޙު ނިޔާޒު ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ ފަސް ދުވަހަށެވެ.

މި ސީރިއަސް މައްސަލައިގެ ތަހުގީގަށް ޚާއްސަކޮށްގެން މާލެއިން ފޮނުވި ފުލުހުންގެ ޓީމެއް މިހާރު ވެސް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހަޅާފައިވަނީ އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ އެ ރަށުގައި ބަޔަކު ވެގެން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ކަމަށާއި، އެ މައްސަލަ ބަލަމުން އަންނަކަން އެންމެ ފުރަތަމަ ހާމަކުރީ އޮކްޓޫބަރު 21 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް، އެ އަންހެން މީހާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ ވަރަކަށް، މި މައްސަލައިގެ ތެރެއިން އިތުރު ސީރިއަސް ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ތަހުގީގުގެ ތެރެއިން ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.