ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އެއް ގެ އެއްކޮށް އަނދައި އަދި ދުމުގެ އަސަރުކޮށްގެން ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެ ސަރަޙައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕް ނުވަތަ ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އޭގެ ތެރެއިން އެއް ގެ އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
މި ހާދިސާގައި ސީދާ އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތެއް ކުރިން ލިބިފައި ނުވި ނަމަވެސް، ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް ފަރާތްތަކަށް މިހާރު ދަނީ ފުނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ހާދިސާ ހިނގި ސަރަޙައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި ގެތަކުން މީހުން ހުސްކޮށް، ވަގުތީ ގޮތުން ރައްކާތެރި އެހެން ގެތަކަށް ވަނީ ބަދަލުކޮށްފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، އެއާޕޯޓް ފަޔަރގެ އިތުރުން އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އަދި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން އެ ރަށަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާއިރު، ރޯވި އަލިފާންގަނޑުގެ 90 އިންސައްތަ މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އެހެންނަމަވެސް އަލިފާން އެއްކޮށް ނިއްވާލުމަށް އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ފުނަދޫ ކައުންސިލުން ބުނީ، ހާލަތު އިތުރަށް ބަލައި މޮނީޓަރ ކުރުމުގެ މަސައްކަތް އެ އިދާރާއިން މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، މި ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!