އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، ހުރިހާ ޤައުމެއްގެ އަޑުއަހާ އަދި އެއްވެސް ޤައުމެއްގެ މުސްތަޤްބަލު އެހެން ބައެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަކަށް މަގުފަހިކޮށްދޭ ޖަމާޢަތެއްގެ ގޮތުގައި ދެމިއޮންނަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ އދ.ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ.
ރައީސްގެ މެސެޖުގައި، އދ. ވާންޖެހޭނީ އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާއަކަށް ކަމުގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި އެ ޖަމާޢަތުގެ އިތުބާރު ބިނާވެފައިވަނީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށް ކަމަށް ވާއިރު، އެކަން ޙާޞިލުކުރެވޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ފުރިހަމައަށް އިޙްތިރާމްކޮށް، ބައިނަލްއަޤްވާމީ އުޞޫލުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ޤައުމުތަކުގެ މެދުގައި ކުރެވިފައިވާ މުޢާހަދާތައް ފުރިހަމައަށް ތަންފީޒުކުރުމުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރަޙައްދީ ސިޔާސީ ނުވަތަ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޛުކުރުމުގައި ހަމަހަމަކަން ނެތުމަކީ އެ އިތުބާރު ގެއްލިގެންދާ މައިގަނޑު ސަބަބުތަކެވެ. ހަމައެއާއެކު، ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްވަރަށް ޤައުމުތައް ކުރިއަށްދިއުމުގައި ހުރި ގޮންޖެހުންތަކަކީވެސް އެ އިތުބާރަށް ބުރޫއަރާ ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގައި އުފެދިފައިވާ މިފަދަ ބައިބައިވުންތަކުގެ ނޭދެވޭ އަސަރުތަކަށް އަލިއަޅުއްވާލައްވަމުން، ޚާއްޞަކޮށް ފަލަސްޠީނު ފަދަ ޤައުމުތަކުގެ އިންސާނިއްޔަތަށް ލިބެމުންދާ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ. ދުނިޔޭގެ މަސްރަޙުގައި އުފެދޭ މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ނިކަމެތިވަމުންދާ ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ މިންވަރު އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ ކުރިއެރުމަށާއި ވިލުންތެރިކަމަށް ދިމާވެފައިހުރި ހުރަސްތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަޞީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި، ދެމެހެއްޓެނިވި ނޫން ގޮތުގައި ނެގޭ ދަރަނީގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ދަތިތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަރައްޤީގެ އަމާޒުތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ މުސްތަޤްބަލު ކަނޑައެޅުމުގެ މިނިވަންކަމާ އެއްވަރަށް، ޤައުމީ އަމާޒުތަކާއި އުންމީދުތައް ޙާޞިލުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަގުތައް ފަހިވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. މިއީ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ރާއްޖެއިން ކުރާ އުންމީދު ޙާޞިލުކުރުމަށް ލިބިގެންދާނެ އިތުރު ބާރެއް ކަމުގައި ވިދާޅުވިއެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި، ރައްޔިތުންގެ ކުރިއެރުމަށް ވުނަކުރުމަށާއި، އިޤްތިޞާދު ވަރުގަދަކުރުމަށް އަދި ރާއްޖެއިން ބޭރުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް ވިލުންތެރިކަމާއެކު މަސައްކަތްކުރުމުގެ ބޭނުންތެރިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޞުލްޙަ މަސަލަސްކަމަށް އިޙްތިރާމްކުރުމާއި، ޢަދުލުއިންޞާފު ޤާއިމުކުރުމާއި، އަދި ކޮންމެ ދައުލަތަކަށްވެސް އެ ދައުލަތެއްގެ މުސްތަޤްބަލު އަމިއްލައަށް ބައްޓަންކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!