ރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރި 15 ބައިވެރިއަކަށް ސެޓްފިކެޓް ދީފިއެވެ.

މި ތަމްރީނަކީ ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަންރިސޯސަސް މިނިސްޓްރީން ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މި އަހަރު ހިންގި 3 ވަނަ ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯހެވެ.

Ad
rt

މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވަޒީރު އަޙްމަދު ޝިޔާމެވެ.

ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 15 ބައިވެރިއަކު ބައިވެރިވެފައިވާ ކަމަށެވެ.

މި ކޯހަކީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގަމުން އަންނަ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ޤާއިމުކޮށް، އެ ދާއިރާ އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން ހުރި ދިވެހިން އުފެއްދުމެވެ.