ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.

އެމަނިކުފާނު މި ދަޢުވަތު ދެއްވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިއަދު ހަވީރު ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ތަޤުރީރުކުރައްވަމުންނެވެ.

Ad
rt

އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ދެޤައުމުގެ 60 އަހަރުވީ ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދެޤައުމުގެ މެދުގައި ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކޮށް އޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އަދިވެސް އެންމެ ފުރިހަމައަށް ބަދަހިވެފައި ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ބޮޑެތި ބޭނުންތަކެއް ހުރިކަން ފާހަގަކުރައްވައި، ރައީސް ވަނީ ފެންވަރު ރަނގަޅު ބޭސްފަރުވާގެ ސާމާނަށް އޮތް ޑިމާންޑް ފުއްދުމަށްޓަކައި ޕާކިސްތާނުގެ ފާހަގަކޮށްލެވޭ ބޭސް އުފައްދާ ކުންފުނިތަކަށާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ރާއްޖެއިން މަރުޙަބާ ވިދާޅުވާކަން ހާމަކުރައްވާފައެވެ. މީގެއިތުރުން، ބޯހިޔާވަހިކަމާއި ބިން ހިއްކުމާއި އުމްރާނީ ބޮޑެތި މަޝްރޫޢުތަކާއެކު ރާއްޖެއަށް އަންނަމުންދާ ބަދަލުތަކުގައި ޕާކިސްތާނުގެ ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިންގ ކުންފުނިތަކުގެ ތަޖުރިބާއާއި، ޓެކްނޮލޮޖީ އަދި އިންވެސްޓްމަންޓްތަކާއެކު ބައިވެރިވުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވަމުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން އަމާޒުހިފާފައިވާ ކަމަށާއި، މި ދާއިރާއިން ވުނަކުރުމުގެ ފުރުޞަތުތައް ފަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގެ ޤައުމީ ސަލާމަތަށްޓަކައި ހަރުދަނާ ސަޕްލައި ޗެއިނެއް އޮތުން މުހިންމުކަން ބަޔާންކުރައްވައި، ކޯލްޑް ޗެއިން ލޮޖިސްޓިކްސްއާއި ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ގުދަންތަކާއި، ކާބޯތަކެތި ޕްރޮސެސްކުރުމުގެ އިތުރުން މޫސުމާ ރައްޓެހި ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގައި އިންވެސްޓްކުރުމަށްވެސް ދަޢުވަތު ދެއްވިއެވެ.

ދެޤައުމުގެ ދެމެދުގައި އޮންނަ ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ކަނޑުމަގުން ސީދާ ގުޅުންތައް ޤާއިމުކުރުމަކީ އިޤްތިޞާދުގެ މައި ނާރުކަމަށް ރައީސް ސިފަކުރެއްވިއެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން މެދުވެރިކޮށް މާލެއާއި ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ސީދާ ވައިގެ ދަތުރުތައް ފެށުމަށް އަމާޒުހިފާފައިވާކަންވެސް އެމަނިކުފާނު ވަނީ އިޢުލާންކުރައްވާފައެވެ.

މީގެއިތުރުން، ޝަރީޢާ ކޮމްޕްލަޔަންޓް ފައިނޭންސިންގ އާއި، ސުކޫކް ދޫކުރުމާއި، ޙަލާލް ވެލިއު ޗެއިން އަދި ޙަލާލް ފަތުރުވެރިކަމުގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް ޕާކިސްތާނުގެ މާލީ އިދާރާތަކަށާއި ވިޔަފާރިތަކަށް ރައީސް ބާރުއެޅުއްވިއެވެ. އެމަނިކުފާނު އިލްތިމާސްކުރެއްވީ ދިވެހިރާއްޖެއަކީ ހަމައެކަނި މުދާ އެކްސްޕޯޓްކުރާ މަންޒިލެއްގެ ގޮތުގައި ނުދެކި، ބައިނަލްއަޤްވާމީ ބޮޑެތި މާކެޓްތަކަށް އުފެއްދުންތަކާއި ޚިދުމަތްތައް ފުޅާކުރުމުގެ މުހިންމު މަންސައެއްގެ ގޮތުގައި ދުށުމަށެވެ. އަދި އިންވެސްޓަރުންނަށް ފަހި، ވިޔަފާރިއާ ރައްޓެހި ރެގިއުލޭޓަރީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަހައްމިއްޔަތުކަން ދޭކަންވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ދެޤައުމުގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވި މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވެސް ވަނީ ދެޤައުމުގެ ދެމެދުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ދެޤައުމުގެ ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.