ރާއްޖެއާއެކު ސޮއިކުރެވުނު އެއްބަސްވުންތަކާއި ފަހުމުނާމާތައް ތަންފީޒުކުރުމަށް އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަން، ޕާކިސްތާނުގެ ސެނެޓުގެ ޗެއަރމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވައިފިއެވެ.

ޕާކިސްތާނު ސެނެޓުގެ ޗެއަރމަން މި ޔަޤީންކަން ދެއްވީ، ރައީސް މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި، ޗެއަރމަން ގިލާނީ ވަނީ ރައީސްއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުންތަކާއި ފަހުމުނާމާތައް ތަންފީޒުކުރުމުގެ މަސައްކަތަށް އިސްކަންދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މި ޒިޔާރަތުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ޗެއަރމަން ގިލާނީ ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވަނީ އެމަނިކުފާނަށް ތަޢުރީފުކުރައްވާފައެވެ.

މީގެއިތުރުން، ޗެއަރމަން ގިލާނީގެ ޚިދުމަތުގެ ދިގު މުއްދަތުގައި، ދިވެހިރާއްޖެއާއެކު އަބަދުވެސް ގާތް އަދި ބަދަހި ރަޙުމަތްތެރިކަމެއް ބާއްވަވަމުން ގެންދަވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުން ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝަހުބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ކުރިއަށްދަނީ މި އޮކްޓޫބަރު މަހުގެ 20 އިން 22 ގެ ނިޔަލަށެވެ.