ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އަތުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ބޭރު މީހަކު ކުރި ދައުވާގައި އެ ފައިސާ ނަޝީދު ދައްކަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
އިންޑިއާގެ މީހެއް ކަމަށްވާ ޑރ. އަލަކާ ސިންގް ދައުވާުކުރީ އޭނާ އިންވެސްޓްކުރި ކަނޑު އުޅަނދެއް އެހެން މީހަކަށް ވިއްކާލުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެއީ އެ އުޅަނދު އެހެން މީހަކަށް ވިއްކާލީ ބޭނުންވި އަގަށް ވުރެ ކުޑަ އަގެއްގައި ކަމަށްވާތީ އެކަމުގެ ބަދަލެއްގެ ގޮތުން ނަޝީދުގެ ފަރާތުން 150,000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދޭން އޭނާ އެއްބަސްވި ކަމަށް ބުނެ އެވެ. ނަމަވެސް ކުރިން ލީގަލް ރިފޯމް މިނިސްޓަރުކަން ވެސް ކުރެއްވި ނަޝީދުގެ ފަރާތުން އެ ދައުވާއަށް އިންކާރުކުރި އެވެ.
އެ ފައިސާ ދޭން ނަޝީދުގެ މައްޗަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރި ނަމަވެސް 2020 ވަނަ އަހަރު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އެހެންވެ, އަލަކާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ނަމަވެސް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މުއާމަލާތުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ނެތުމުން އެ ފައިސާ ދައްކަން ނަޝީދުގެ މައްޗަށް ހުކުމް ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!