ހއ. ކެލާގައި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމާ ގުޅޭ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 17 އިން 21 އޮކްޓޯބަރަށެވެ.

Ad
rt

ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ބުނީ، އެ ވުޒާރާއިން ކެލާގައި ހިންގި މި ތަމްރީނުގައި ޖުމްލަ 13 މީހަކު ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މިއީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގައި އެ މިނިސްޓްރީން ސިލްސިލާކޮށް ހިންގަމުން އަންނަ މުހިންމު ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ބާނާ މަހުން ތަފާތު ވައްތަރުގެ އަގުއެއްކުރި އުފެއްދުންތައް ތައްޔާރުކުރާނެ ގޮތް އާންމުންނަށް ދަސްކޮށްދިނުމެވެ. އަދި އަމިއްލަ ފައިމައްޗަށް ތެދުވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަމިއްލައަށް ފަށައި، އެ ވިޔަފާރިތައް ހަރުދަނާކޮށް ހިންގާނެ ހުނަރުތައް ބައިވެރިންނަށް އުނގަންނައިދިނުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު ބޭނުމެކެވެ.

ތިއަރީ އަދި އަމަލީ ސެޝަންތަކެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގައި، މަހުން ތައްޔާރުކުރާ އަގުއެއްކުރި އެކި ބާވަތްތަކާ ގުޅޭ މަޢުލޫމާތު ވަނީ ދީފައެވެ. މީގެ އިތުރުން، އަމަލީގޮތުން އެތަކެތި ތައްޔާރުކުރާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދީ، ތަކެތި ތައްޔާރުކުރުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރުން ވިޔަފާރި ހިންގުމުގެ ދާއިރާއިން ކުދި ވިޔަފާރިތައް ރާވައި، ބަޖެޓު ބަލަހައްޓައި، މާކެޓު ކުރާނެ ގޮތުގެ އަސާސީ މަޢުލޫމާތުތައް މި ތަމްރީނުގައި ކިޔަވައިދީފައިވެއެވެ. އަދި އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ޕެކޭޖިންގ އަދި ލޭބަލް ކުރުމުގެ މިންގަނޑުތައްވެސް ވަނީ އޮޅުންފިލުވައިދީފައެވެ.

ރަށްރަށުގައި މި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހުމުން، ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުޞަތު އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އާންމުކޮށް ހުޅުވާލައެވެ. އަދި މިފަދަ ތަމްރީންތަކުގެ ތެރެއިން އަންހެނުންނާއި ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް ޚާއްޞަ އިސްކަމެއް ދެމުން އަންނަކަމަށް މިނިސްޓްރީން ބުނެއެވެ.