އީރާނަށް އަލުން އަސްކަރީ ވަރުގަދަ ހަމަލާއެއް ދީ، އެ ގައުމުގެ "ކަން ނިންމާލަން" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ތައްޔާރަށް ހުރި ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނުކޮށްފިއެވެ.

ނަތަންޔާހޫ މިފަދައިން ބުނެފައި ވަނީ އީރާނުން އަލުން ނިއުކްލިއާ ބޮމެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެ ގައުމުގެ ވެރިކަން ވައްޓާލަން ޖެހޭ ކަމަށް ބުނެ އަޑުއުފުލަމުންނެވެ.

Ad
rt

މަޝްހޫރު ނޫސް "ފައިނޭންޝަލް ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އަލުން އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ނަތަންޔާހޫ ކުރިން ވެސް އޮތީ ތައްޔާރުވެގެންނެވެ. އެގޮތުން، އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ވަނީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުގެ ބަންދު ދުވަސްވަރު އީރާނަށް ގިނަ ދުވަސްތަކަކަށް ދެމިގެންދާ ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ޕްލޭންތައް އެކުލަވާލާފައެވެ.

އިސްރާއީލުން ރޭވި މި އަސްކަރީ ކެމްޕޭނަކީ މީގެ ކުރިން ދިން ހަމަލާތަކަށް ވުރެ ވެސް މާ ފުޅާ އަދި ނުރައްކާތެރި ހަމަލާތަކެކެވެ. މި ހަމަލާތައް އަމާޒުކުރަން ރާވާފައި އޮތީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި، މަދަނީ އުމްރާނީ ވަސީލަތްތަކުގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ މުހިންމު އަމާޒުތަކަށެވެ. ނަމަވެސް، މި ވަގުތު އެފަދަ ބޮޑު ހަނގުރާމައެއް އަލުން ފެށުމާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެއްދެވުމާ ގުޅިގެން އެ އޮޕަރޭޝަން ވަނީ ފަސްކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ވޮޝިންޓަނުން އެ ހަމަލާ ހުއްޓުވީ އެމެރިކާގެ މިޑްޓާމް އިންތިޚާބާއި އިސްރާއީލުގެ ބަރުލަމާނީ އިންތިޚާބު ކުރިމަތީގައި އޮއްވައި، ސަރަހައްދީ ބޮޑު ހަނގުރާމައެއް އަލުން ފެށިގެން ދިޔުމަށް ބޭނުން ނުވާތީއެވެ. ސިޔާސީ ގޮތުން ނުތަނަވަސް މި ދަނޑިވަޅުގައި ސަރަހައްދީ ހަމަޖެހުން އިތުރަށް ގެއްލިދާނެތީ އެމެރިކާއިން އިސްރާއީލުގެ މި ރޭވުން ވަގުތީ ގޮތުން ހުއްޓުވި ކަމަށް މައުލޫމާތު ލިބެއެވެ.

އޮކްޓޫބަރު މަހުގެ ހަމަލާ ފަސްކުރި ނަމަވެސް، ނަތަންޔާހޫ ދަނީ އަނެއްކާވެސް އީރާނަށް ހަމަލާ ދިނުމަށް ބާރުއަޅަމުންނެވެ. އޭނާ ބުނެފައި ވަނީ ޓްރަމްޕް ވެސް ގަބޫލުފުޅު ކުރައްވަނީ މިއީ ހަމައެކަނި އޮތް ހައްލު ކަމަށެވެ.

"އަހަރެންގެ ގާތް އެކުވެރިޔާ ރައީސް ޓްރަމްޕް ވެސް ގަބޫލުކުރައްވަނީ މިއީ ހަމައެކަނި އޮތް ގޮތް ކަމަށް،" ނަތަންޔާހޫ ބުންޏެވެ.

"އޭނާ މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވީ، އަހަރެމެން މިތިބީ ކަން ނިންމާލަން ތައްޔާރަށް ކަމަށާއި އެކަން ކުރާނީ ހަމައެކަނި ތިޔަބޭފުޅުންނާ އެކު، އިސްރާއީލު ދައުލަތާ އެކު ކަމަށް." ބޮޑާކަމާއެކު އޭނާ ބުނެފަވެއެވެ.

މީގެއިތުރުން ނަތަންޔާހޫ ވަނީ އީރާނުގެ ވެރިކަން ބަދަލުކުރުމުގެ ވިސްނުން އަދިވެސް ގެންގުޅޭކަން ހާމަކޮށްފައެވެ. އޭނާ ބުނީ އިސްލީޑަރު މުޖުތަބާ ޚާމަނާއި ނިންމަވާފައި ވަނީ އޭނާގެ ބައްޕަގެ ފިޔަވަޅުތަކުގެ މަތީގައި ކުރިއަށްވަޑައިގަންނަވަން ކަމަށާއި، އީރާނުން އަނެއްކާވެސް ނިއުކްލިއާ ބޮމެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ''ނުރައްކާ'' އެއްކޮށް ނައްތާލެވެން އޮތް ހަމައެކަނި ގޮތަކީ އީރާނުގެ ވެރިކަން ވައްޓާލުން ކަމަށް ވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، އީރާނާ މެދު އަމަލުކުރާނެ ސްޓްރެޓެޖީއަކާ މެދު އެމެރިކާ އާއި އިސްރާއީލުގެ އޮފިޝަލުންގެ މެދުގައި މަޝްވަރާތައް ހިނގަމުންދާއިރު، އިސްރާއީލުގެ ސިފައިން އަދިވެސް ތިބީ އީރާނަށް ހަމަލާދިނުމުގެ އެންމެ މަތީ އެލާޓްގައެވެ.