ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ އައިވާން-އީ-ސަދްރުގައެވެ.
ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރުން ރައީސް މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް މަރުޙަބާ ދެންނެވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އާއި އެ ޤައުމުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ. މި ބައްދަލުކުރެއްވުމުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޕާކިސްތާނުގެ ރައީސް އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު ވަކިވަކި ބައްދަލުވުންތަކެއް ވެސް ބާއްވަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް އާސިފް ޢަލީ ޒަރްދާރީ ވަނީ ރައީސް މުޢިއްޒަށް ހޫނު މަރުޙަބާއެއް ދަންނަވައި، އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރައީސް ވަނީ ދިވެހި ވަފުދަށް ޕާކިސްތާނުން އަދާކުރި މެހެމާންދާރީއަށް ޝުކުރު ދަންނަވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ އަދި އަޚުވަންތަ ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ވިޔަފާރި، ތަޢުލީމު، ޞިއްޙީ، އަދި ތަމްރީނުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ދޭދޭ ފެންވަރުގައްޔާއި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރައީސް ޒަރްދާރީގެ ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީވެފައިވާ މިންވަރު ފާހަގަކުރެއްވިއެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ރައީސް މުޢިއްޒު މިފަދަ ދަތުރުފުޅެއް ކުރެއްވުމުން ޕާކިސްތާނުގެ ރައްޔިތުން އެކަމާ ނުހަނު އުފާކުރާ ކަމަށް ރައީސް ޒަރްދާރީ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ އަޒުމާއި ޔަޤީންކަން އައުކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!