ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު ޝެހެބާޒް ޝަރީފް މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ވެރިން އެކުގައި ދެއްވި ގުޅިފައިވާ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބަޔާނުގައި ބޮޑުވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ ދެންނެވުމަކީ ޕާކިސްތާނަށް ލިބުނު ބޮޑު ފަޚުރެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުހިންމު ކަންކަމާ މެދު މަޝްވަރާކުރައްވާފައިވާ ކަމަށް ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ދިފާޢީ، ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް އެހީތެރިވެދިނުމުގައި ޕާކިސްތާނުން އެއްބާރުލުން ދޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ޕާކިސްތާނާއި ރާއްޖެއަކީ އެކުގައި މަސައްކަތްކުރުމުގެ ދިގު ތާރީޚެއް އޮތް ދެ ޤައުމު ކަމަށް ވީނަމަވެސް، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް އިޤްތިޞާދީ ގުޅުމުން އެކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްނުދޭ ކަމަށް ޝެހެބާޒް ވިދާޅުވިއެވެ. އެހެންކަމުން، ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަކީ މުހިންމު ކަމެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
''މި ވަގުތު އަޅުގަނޑުމެންގެ ވިޔަފާރީގެ މިންވަރު ހުރީ 13.9 މިލިއަން ޑޮލަރުގައި، މިއީ އަޅުގަނޑުމެންގެ ޤާބިލުކަމާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެއް، މިއަދު އަޅުގަނޑުމެން ކުރި މަޝްވަރާތަކުގެ ތެރެއިން، ދެފަރާތުގެ ފުރިހަމަ އަދި ޢަމަލީ އެއްބާރުލުމާއެކު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައިވާ ވިޔަފާރީގެ މިންވަރު 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ގުޅިގެން އެންމެ ފުރިހަމައަށް މަސައްކަތްކުރާނެކަން އިޢުލާނުކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް'' ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވެފަވެއެވެ.
"At this point in time, our trade volume stands at $13.9 million, which is just a fraction of our potential. Through our discussions today, I am very happy to announce, with the active and complete endorsement from both sides, that we will strive our best to jointly increase our bilateral trade volume from $13 million to $200 million in the next two years."
~Prime Minister Muhammad Shehbaz Sharif addresses the joint press stakeout after delegation level talks between Pakistan and Maldives
— Government of Pakistan (@GovtofPakistan) October 21, 2026
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު 20 ފަހުމުނާމާ (އެމްއޯޔޫ) އަށް ޢަމަލުކުރާކަން ކަށަވަރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. "ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި، އެމްއޯޔޫތައް ތަންފީޒުކުރުން އަވަސްކުރުމަށް މަސައްކަތްކުރާނަން. ރާއްޖެއިން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ޝެހެބާޒް ޝަރީފް ވިދާޅުވިއެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރިގެންދާއިރު، އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތީ ޒަމާންވީ، ވަރަށް ގާތް އުޚުއްވަތްތެރި ގުޅުމެއްކަމަށް ވިދާޅުވިއެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ދަނޑުވެރިކަމާއި، ޞިއްޙީ، ޢުމްރާނީ އަދި އިސްތިރާތީޖީ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދިގު ތާރީޚެއް އޮވެއެވެ.
މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަދަދު ހުރީ 13.9 މިލިއަން ޑޮލަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!